ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަމަށް ބޭފުޅަކު އަދި ކަނޑަނާޅާ ކަމަށާއި ރަނިންމޭޓެއް ހިޔާރު ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ދިނުމަށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް ދެކެވޭ ވާހަކަތައް އެ ކޯލިޝަނުން ވަނީ ދޮގުކޮށްފަ އެވެ.
ރަނިންމޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބޭ އިހުތިޔާރެއް ނަމަވެސް ލީޑަޝިޕުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ޕީޕީއެމް-ޕީއެންސީން ބުނީ ރަނިންމޭޓު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބޭ އިހުތިޔާރަކަށްވާތީ ލީޑަޝިޕުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރައީސް ޔާމީން ބޭފުޅަކު ހިޔާރު ކުރެއްވުމަށް ލީޑަޝިޕްގެ އިއްތިފާގުން ރޭ ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ޔާމީން އިއްޔެ ވަނީ ސޮއިކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރައީސް ޔާމީން ވަނީ ކެމްޕޭން މެނޭޖަރާއި އެޖެންޓް ވެސް ކަނޑައަޅުއްވާފަ އެވެ.
ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.
ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެކޯޓުން ބޭރުކޮށްލާފައިވާތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.