ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަންނަ ހަފްތާގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލްގެ މީޑިއާ މެނޭޖަރު ހަސަން ފަޒީލް ވިދާޅުވީ އެ ހޮސްޕިޓަލްގައި އަލަށް ގާއިމުކުރި ނަފްސާނީ ބައްޔަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ހިދުމަތް އަންނަ ހަފްތާގައި ފަށާއިރު މުޅިން އާ ހިދުމަތްތަކެއް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ސައިކޭޓްރިސްޓެއްގެ ހިދުމަތާއި، ސައިކޮލޮޖިސްޓެއްގެ ހިދުމަތާއި، އޮންލައިން ކޮންސެލްޓޭޝަންގެ ހިދުމަތާއި ނަފްސާނީ ބަލިތައް ދެނެގަތުމަށް އެސެސްމެންޓްތައް ހެދިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ބަލިމީހުންނަށް ކައުންސިލިން ދިނުމުގެ ހިދުމަތްވެސް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފަޒީލް ވިދާޅުވި އެވެ.
ފަޒީލު ވިދާޅުވީ ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ހާއްސަ ޔުނިޓަކުން ހިދުމަތް ދޭން ފެށުމާއެކު ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ވެގެންދާނެ ކަމަށެވެ.
"މިހާރު މަސައްކަތް މިކުރަނީ މިހިސާބުގެ ހުރިހާ ރަށްތަކެއްވެސް މިހިދުމަތުގެ ތެރެއަށް ވައްދާ ގުޅާލުމަށް. މި ހޮސްޕިޓަލުން ނުލިބޭ އެތައް ހިދުމަތްތަކެއް މިހާރުވެސް ލިބެމުންދާއިރު މުޅިން އައު ހިދުމަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިދަނީ މަސައްކަތް ކުރަމުން،" ފަޒީލް ވިދާޅުވި އެވެ.
ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާ އުމުރުން 12 އަހަރު ނުވާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ވޯޑްތަކެއްވެސް އުނގޫރާ ހޮސްޕިޓަލްގައި މިހާރު ވަނީ ގާއިމުކޮށްފަ އެވެ.
އުނގޫފާރު ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޑިޕާޓްމަންޓެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ 5.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ރަށްތަކުގައި ދެވަނަ އަށް އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.