އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު -- އއ. ފެރިދޫ، ހާލި، އަލީ ނަޝާތުގެ މެންބަރުކަމުގެ ދައުރު މިއަދު ހަމަވެއްޖެ އެވެ.

ނަޝާތުގެ ދައުރު ހަމަވެފައި މިވަނީ ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށެވެ. މިވަގުތު އީސީގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ޖުލައި 25، 2018 ގައެވެ.

އީސީގެ މެމްބަރުކަމަށް އަލުން ނަޝާތު އައްޔަނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އޭނާގެ ނަން ފޮނުއްވާފަ އެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމުން އެ މައްސަލައާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ނަޝާތުގެ ދައުރު ހަމަވުމުގެ ކުރިން މިދިޔަ މޭ މަހު ރައީސް އޮފީހުން ވަނީ އޭނާގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި މަގާމަށް ހަތް ބޭފުޅުން ކުރިމަތިލެއްވި އެވެ.

ނަޝާތުގެ ދައުރު ހަމަވުމާއެކު އީސީގައި ތިބެންޖެހޭ ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރު މަދުވާނެ އެވެ. އަދި މި ދަނޑިވަޅަކީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކޮމިޝަނުން ފާސްކޮށްފައިވާ ދަނޑިވަޅެކެވެ. މި މައްސަލައިގައި ފުއާދުއާ ދެކޮޅަށް ވޯޓު ދެއްވި ތިން ބޭފުޅުންގެ ތެރޭގައި ނަޝާތު ހިމެނެ އެވެ.