ފޮރިން މިނިސްޓްރީ

ޑެންމާކްގައި ގުރުއާން އެންދުން ކުށްވެރިކޮށްފި

ޑެންމާކުގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ކީރިތި ގުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބަހަނާގައި ކުރަމުންގެންދާ، ފިތުނަ ފަސާދައަށް މަގުފަހިވާ އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ފަހަރެއްގައިވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރުން ހުއްދަ ކަމެއް ނޫން ކަަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ނަސްލީ ތަފާތުކުރުމާއި އަދި ގައުމުތަކުގެ މެދުގައި ތަފާތުކުރުން ނައްތާލުމުގައި މިއަދު ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް ނަފްރަތު ކުުރުމުގެ ގޮތުން ގުރުއާން އެންދުން ފަދަ އަމަލުތަކަށް ހުއްދަ ދިނުމަކީ މުޖުތަމައުގެ މެދުގައި ބިރުވެރިކަމާއި އިތުބާރު ނެތްކަމުގެ މާހައުލެއް އުފެދިގެންދާނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގައި އެތައް އަހަރަކުން ގާއިމުކުރެވިފައިވާ ސުލްހައަށް ބުރޫއަރައިގެންދާނެ ކަންވެސް ހަނދާންކޮށްދީފައިވެ އެވެ.


ދިވެހި ސަރުކާރުން އިތުރަށް ބުނީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ދީނީ ނަފްރަތުގެ ބިރުވެރި އަމަލުތައް ކުށްވެރިކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައު އެކުގައި ތެދުވެ ކޮންމެ ފަރުދަކަށްވެސް ސުލްހަވެރިކަމާއެކު އެއްތަނެއްގައި އުޅެވޭނެ ދުނިޔެއެއް ބިނާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިސްލާމްދީނާ ދެކޮޅަށް ހިންގާ ދީނީ ނަފްރަތުގެ މިފަދަ އަމަލުތައް ތަކުރާރުވުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ދިވެހި ސަރުކާރުން ގޮވާލާފައިވެ އެވެ.