ނެދަލޭންޑްސްގައި ގުރުއާން ވީދުމުން ދިވެހި ސަރުކާރުން އެ އަމަލު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގުރުއާން އެންދުމަކީ ހިޔާލުފާޅުކުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ މިފަދަ އަމަލުތައް ހުއްޓުވުމަށް ގާނޫނުތަކާއި ސިޔާސަތުތައް އެކުވާލައި ގައުމީ ފެންވަރުގައި ތަންފީޒުކުރަން ފެށުމަށް އެދިފައިވެ އެވެ.
މިބަޔާނުގައި ވަނީ މުސްލިމުންނާ ދެކޮޅަށް ނަފްތަރު އުފައްދާތީ ކަންބޮޑުވުން ފާހަގަކޮށް މިފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރުމަށްވެސް ގޮވާލާފަ އެވެ.
ނެދަލޭންޑްސްގައި ހުންނަ އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީތަކުގެ ކުރިމަތީގައި ގުރުއާން ވީދުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އިސްލާމުން ރުުޅިއެރުވުމުގެ ހަރަކާތްތައް ހުޅަނގުގެ ގައުމުތަކުގައި އިތުރުވަމުންދާއިރު މިފަދަ އަމަލުތައް ދިވެހި ސަރުކާރުން އަބަދުވެސް ކުށްވެރިކުރެ އެވެ.