( 23 ޖުލައި 2023 އާ ގުޅޭ )
"ހިނގާބަލަ ޝިފާލީގެ ކޮޓަރިއަށް. އަހަރެން ބަލާލަން ބޭނުން." ފައިސަލް ބުންޏެވެ.
ފައިސަލްއާއެކު ދާން ފަރީލާ ތެދުވިއެވެ. އޭގެ ދެ މީހުންގެ ފަހަތުން ހުސެން އައެވެ. ސިޑިން އަރައިގެން އައިސް ފައިސަލް މަޑުކޮށްލީ ޝިފާލީގެ ކޮޓަރި ކުރިމަތީއެވެ. އޭނާ ދޮރު ހުޅުވާލައި ކޮޓަރިއަށް ވަނެވެ.
"ރޭގައި އޭނަ ނިދަން ވަންއިރެއް އެނގޭތަ؟." ޝިފާލީގެ ކޮޓަރިތެރެ ބަލަމުން ފައިސަލް އަހާލިއެވެ.
"އަހަރެމެން އެއްކޮށް އެރީ... އޭރު އެކެއް ޖަހައިފި. އޭނާ ވެސް ހުރީ އަވަހަށް ކޮޓަރިއަށް ވަންނަން ބޭނުންފައި. އެހެންނޫނަސް ރޭގައި އެހާ ބޯކޮށް ވާރޭވެހުނު... ވާރޭގަނޑު ތެރޭ އޭނާ ދާން އޮންނާނީ ކޮންތާކަށް. މީ އަހަރެމެން އެއްކޮށް ކުރި ފުރަތަމަ ދަތުރެއްނޫން. ރޭގަނޑު ނިދުމަށްފަހު ޝިފާލީ ހޭލައިގެން ނޫޅޭނެ. ދަންވަރު އަދި އަމުދުން އޭނާ އެކަނި ނުނިކުންނާނެ ކޮޓަރިން ބޭރަށް ވެސް." ފަރީލާ ބުންޏެވެ.
ފައިސަލްގެ ސުވާލުތައް ހުރި ގޮތުން އޭނާއަށް ޝިފާލީއަކީ އެއްވެސް ވަރަކަށް ނުދަންނަ ބީރައްޓެއްސެކޭ އެއްވަރެވެ. ފަރީލާއާއި ހުސެންނަށް ވެސް ފައިސަލްއާ މެދު ޝައްކުކުރާނޭ ފުރުޞަތެއް ނެތެވެ. އެއްވެސް މީހަކު ފައިސަލްއާއި ޝިފާލީ ބައްދަލުވަނިކޮށް ނުދެކެއެވެ. އޭގެ ދެ މީހުން ވާހަކަދައްކަން ތިއްބާ ވެސް ނުފެނެއެވެ.
"މިހެން ވާހަކަދައްކަން ތިބޭނެ ވަގުތެއްނެތް. ޝިފާލީއަށް ވީގޮތެއް ބަލަން އެބަޖެހޭ. މި ގެސްޓްހައުސްގައި އޭނާ ނެތްކަން ޔަގީން. ޕޮލިހަށް އަންގަންވީ... ފައިސަލް. މި ރަށު ޕޮލިސް ސްޓޭޝަންގެ ނަންބަރު އެނގޭތަ. އަހަރެން ގުޅާފާނަން. ޝިފާލީ ހުރީ އަހަރެންގެ ބެލުމުގެ ދަށުގައި. އޭނާއަށް ވީގޮތެއް ލަސްނުކޮށް ބަލަންޖެހޭ." ހުސެން ބުންޏެވެ. އޭނާ ފޯނު ނަގައި ފައިސަލްއަށް ބަލަން ހުއްޓެވެ. އިތުރަށް މަޑުކުރާން އޭނާ ގަސްދުނުކުރާކަން ދޭހަވެއެވެ.
"ފެނިއްޖެތަ." ކޮޓަރި ދޮރުމަތީ ހުރި ހުސެންއާ ދިމާއަށް ނިކަން ހަލުވިކޮށް ފަޒީލު އައެވެ.
"ޕޮލިހަށް ގުޅަން މިއުޅެނީ." ހުސެން ބުންޏެވެ.
"ގުޅުމަށްވުރެ އެކޮޅަށް ދިޔައީމަ އަވަސްވާނެ. ދޮންބެއަށް އަންގައިފިންތަ؟." ފަޒީލު ވެސް ފެންނަނީ ހާސްވެފައި ހުރިތަނެވެ.
"އަހަރެން މިހުރީ." ފައިސަލް ކޮޓަރިން ނުކުތެވެ.
"ކާރުގައި ނައްޓާލަމާ. އެކަމަކު މިކޮޅުގައި އެކަކު މަޑުކުރަން ފެނޭ. އަހަރެމެން ނެތިސް ޝިފާ އަތުވެއްޖެއްޔާ އެނގޭނީ އޭރުން." ފަޒީލު ވާހަކަދެއްކީ އަވަސްއަރުވާލައިފައެވެ.
"އަހަރެން މަޑުކުރާނަން. ހުސެން ދޭ އެމީހުންނާއެކީ. ޝިފާލީގެ މަޢުލޫމާތު ދޭން ހުސެންއަށް އެނގޭނެ." ފަރީލާ މިހެން ބުނުމުން ހުސެން ބޯޖަހާލިއެވެ.
ކޮޓަރި ލައްޕާފައި އެންމެން ތިރިއަށް އައެވެ. ފައިސަލްއާއި ފަޒީލާއެކު ނުކުންނަން ދިއުމުގެ ކުރީން ފަރީލާ ކައިރީ ފޯނު ހިފައިގެން ހުންނަން ހުސެން ބުންޏެވެ. ޝިފާލީ އަތުވެއްޖެނަމަ ލަސްނުކޮށް އޭނާއަށް ގުޅަން ވެސް ބުންޏެވެ. އެންމެން ނުކުމެގެން ދިޔަ ދިމާއަށް ބަލަން ގެސްޓްހައުސްގެ ދޮރުމަތީ ފަރީލާ ހުއްޓެވެ. ބޭރު ދޮރޯށި ކައިރިން ކާރު ދުއްވާލި އަޑު އިވުމުން ބޭރުގައި ހުރި ދިގު ގޮނޑީގައި ފަރީލާ އައިސް އިށީނެވެ.
ފުލުހުންގެ އިދާރާއަށް ތިން ފިރިހެނުން ވަދެގެން އައެވެ. އިސްވެ ހުރީ ފަޒީލާއި ހުސެންނެވެ. މޭޒުދޮށުގައި އިން ފުލުސް މީހާއާ ވާހަކަދެއްކީ ފަޒީލެވެ. ގެސްޓްހައުސްގެ ނަންބުނުމަށްފަހު އެތަނުގައި ހުރި އަންހެންކުއްޖަކު ނުފެނިގެން އުޅޭ ވާހަކަ ފަޒީލު ބުންޏެވެ. ރަށުން މީހަކު ގެއްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ފަދަ ކަމެއްނޫނެވެ. ފުލުހުންގެ އިދާރާގައި އެވަގުތު ތިބި ހުރިހާ ފުލުހުން އެ މައްސަލައަށް ސަމާލުވީ އެހެންވެކަން ޔަގީނެވެ. މައްސަލަ ފައިލުކޮށް ތިން މީހުންގެ ބަޔާން ނެގިއެވެ. އެންމެ އަޖައިބުވާން ޖެހުނީ ފައިސަލްގެ ވާހަކަތައް އަޑު އަހާފައެވެ. އޭނާ ދިން ބަޔާނުގައި ޝިފާލީ ގެސްޓްހައުސްގެ ތެރެއިން ފެނިފައި ހުރިކަން އެކަންޏެވެ. ޝިފާލީއާ ބެހޭގޮތުން އެއްވެސް އެއްޗެއް ކިޔައިދޭކަށް ފައިސަލްއަށް ނޭނގޭކަން ހާމަކުރިއެވެ. ގެސްޓްހައުސް ހިންގަނީ އޭނާ ކަމުގައި ވިޔަސް އެތަނަށް އަންނަ މީހުން ކުރާހާ ކަމަކާއި ދާހާތަނެއް ބެލުމަކީ ފައިސަލްގެ ޒިންމާއެއްނޫން ކަމުގައި ބުންޏެވެ.
ގެސްޓްހައުސްއަށް ފުލުހުން އައެވެ. ފަރީލާގެ ބަޔާން ވެސް ނެގިއެވެ. ޝިފާލީ ހުރި ކޮޓަރި ބަލައި ފާސްކުރިއެވެ. އަދި ޝިފާލީގެ ފޯނު ވެސް އެމީހުން ގެންދިޔައެވެ. ޝިފާލީގެ ޢާއިލާއަށް ވެސް ފުލުހުން އެންގިއެވެ. އެ ޚަބަރާއެކު ފަރީލާއަށް ޝިފާލީގެ މަންމަ ގުޅިއެވެ. ކަންބޮޑުވެ ހާސްވެގެން ގޮސް ރޮވެން ކައިރިވެފައި ހުރެ ޝިފާލީގެ މަންމައާ ފަރީލާ ވާހަކަދެއްކިއެވެ. ޝިފާލީ ނެތްކަން އެނގުނީ ހެނދުނު ހޭލައިގެން އޭނާގެ ހޯދަން ދިޔައިމާކަން ފަރީލާ ކިޔާދިނެވެ.
ފުރަން ބޭނުންވިޔަސް ހުސެންއާއި ފަރީލާއަށް ޖެހުނީ ލަސްކުރާށެވެ. ޝިފާލީ ގެއްލިގެން ހޯދަމުން ދާ މައްސަލަ ކުރިޔަށްދާތީއެވެ. ލާންޗުގެ ކައްޕިއަށް ގުޅައި ކަމެއް ދިމާވެގެން ފުރެން ނެތްކަމަށްބުނެ ވާހަކަދެއްކީ ހުސެންނެވެ. އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް އައިއިރު ރަށުގައި އަންހެންކުއްޖަކު ގެއްލިގެން އުޅޭކަމުގެ އަޑު ފެތުރިއްޖެއެވެ. ޝިފާލީގެ ޢާއިލާއަށް ވެސް އެ ރަށަށް އާދެވުނީ އެހާއިރުއެވެ. ރަށު ރައްޔިތުންގެ އެހީއަށް ފުލުހުން އެދި ގޮވާލިއެވެ. ރަށުގައި މީހުން އުޅޭ ސަރަޙައްދަށްވުރެ ޖަންގަލި ބޮޑެވެ. ހުރިހާ ހިސާބެއް ބަލަން ރަށުގައި އެވަރަކަށް ފުލުހުންނެއް ނެތެވެ.
ގެސްޓްހައުސްއާ ދިމާ ވާގަނޑުތެރެއަށް ދެ ގުރޫޕެއް ވަނެވެ. ފުލުހުންގެ ދެ މީހަކު އިސްކޮށް ހުރެއެވެ. ވާރޭގެ ސަބަބުން އެމީހުންނަށް ހުރަސްތަކެއް ހުއްޓެވެ. އެތެރެއަށް ވަދެވޭވަރަކަށް ބިންގަނޑުގެ ކިސަޑުކަން ބޮޑުވެ ގަނބާތީއެވެ. އަނެއްކޮޅުން ގަސްތައް ހެދިފައި ހުރި ގޮތުން އެހިސާބަށް މީހަކު އަތުވެދާނެ ކަމަށް ޤަބޫލެއްނުކުރެވެޔޭ މީހަކު ބުންޏެވެ. ހުރިހާ ދިމާލަކުން ފެންނަނީ ވާރޭގެ ސަބަބުން ބިންގަނޑު ތެމި އެކިދިމާއިން ފެން ހެދިފައިވާތަނެވެ. ހިކިފަތްތަކުގެ ދޫލައެއް ދުރުދުރަށް ފަތުރާލާފައި އޮތް ކަހަލައެވެ.
"ޗަކަބިން ކުރިޔަށް އޮންނާނީ. މިހާރު ވެސް މާބޮޑަށް ގަނބަންފަށައިފި... އަދިވެސް ކުރިޔަށް ދާންވީތަ؟." ފުލުސް މީހާގެ ބަހެއް ހޯދަން އެހެން މީހަކު ބުނެފިއެވެ. އެމީހާ އެހެން ބުނިއިރު ކޮންމެ މީހެއްގެ ފައިގެ ކުޑަހުޅަށްވުރެ މައްޗަށް ހުރީ ޗަކަގަނޑު ތެރޭ ފޮރުވިފައެވެ. ފުލުސް މީހާ ވަށައިގެން ނަޒަރު ހިންގާލަމުން އެންމެންގެ މޫނުތަކަށް ބަލާލިއެވެ. ދުވާލުގެ ވަގުތު ވެސް އެތަން އޮތީ އަނދިރިކޮށެވެ. ރޭގަނޑު އަނދިރިކަމުގައި އެތަނުން ތަނެއްދޮރެއް ނުފެންނާނެކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންވެ ކޮންމެ މީހެއްގެ އަތުގައި ބައްތިއެއް އޮތެވެ.
"ކެރިކަނޑައިގެން ނުދަނީސް މިއިން ތަނަކަށް ވަދެ އުޅޭން ރައްކާތެރިއެއްނޫން. މިހާރު އިރުވެސް އޮއްސުނީ." ފުލުސް މީހާ ގޮތެއް ނުނިންމައިގެން އެހެން މީހަކު ލަފާ ދިނެވެ. ދެންތިބި މީހުންނަށްވުރެ އޭނާ ފެންނަނީ އުމުރުން ދުވަސްވެފައިވާތީއެވެ.
އަހަރެން އެ ހުރިހާ އެންމެންގެ ހަރަކާތްތަކަށް ބަލަން ހުރީމެވެ. އެމީހުން ޝިފާލީ ވަޅުލާފައި އޮތް ހިސާބު ފަހަނައަޅައި ދިޔައިރު ވެސް ނޭނގުނެވެ. ޝައްކުކުރެވޭ ކަމެއް ފާހަގަނުވީއެވެ. އިސްކޮށް ތިބި ދެ ފުލުހުން ވެސް ނިންމީ އެހިސާބަށް މީހަކު ވަދެފައި ހުރިކަމުގެ ނިޝާނެއް ނުފެނުނު ކަމުގައެވެ. ބިންމައްޗާއި ގަސްތަކުން އެފަދަ ނިޝާނެއް އެމީހުންނަށް ނުފެނުނީއެވެ.
"ތި ދެ މީހުން އެކީގައި އެހާ ގިނައިން ފެންނާތީ އަހަރެން ހީކުރީ ދެ މީހުން ރައްޓެހިވީކަމަށް. ޝިފާ ބުނި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބޯތޭ... އަހަރެން ހީކޮށްގެން ހުރީ އެއީ ފަޒީލުގެ ވާހަކަ ކަމަށް. އަހަރެމެން ދެމެދުގައި އެންމެ ފަހުން ދެކެވުނު ވާހަކައަކީ ވެސް އެއީ." ފަޒީލާ ވާހަކަދައްކަން ހުރި ފަރީލާ ބުންޏެވެ.
"އަހަންނަށް ޝިފާ ވަރަށް ކަމުދޭ. އެކަމަކު ރޭގަ ފުރަތަމަ ފަހަރަށް އެ ވާހަކަ ބުނީ. ޝިފާ ނޯ ޖެހީމަ އަޅާނުލީ." ފަޒީލު ބުންޏެވެ.
"ރޭގައި ރުއްކައިރިޔަށް ތި ދެ މީހުން ދިޔައީ އެހެންވެތަ؟." ފަރީލާ އަހާލިއެވެ. އެއާއެކު ފަޒީލު ބޯޖަހާލިއެވެ.
"ޝިފާ ބުނަން އުޅުނީ ކީކޭކަން ނާހަންތަ؟." ފަޒީލު އަހާލިއެވެ.
"ވަރަށް އެހިން. ފުރަތަމަ ބުނީ މާލެ ދެވުނީމަޔޯ. ދެން އަހަރެން ކިޔާވަރުން ބުނީ ފުރަން ލޯންޗަށް އަރާފައި ކިޔާދޭނަމޭ... ފަޒީލު. އަހަރެމެންނަށް ނޭނގޭ ކޮންމެވެސް ކަމެއް ހިނގައިފި. އަހަރެންގެ ހިތްބުނޭ... ޝިފާލީއަކީ ޚިޔާލެއް ފިކުރެއްނެތި ތަންތަނަށް އެކަނި ދާނެ މީހެއްނޫން. އޭނާއާ ކޮންމެވެސް ކަމެއް ދިމާވީ... ނޫނީ ކޮންމެވެސް މީހަކާ ދިމާވީ." ފަރީލާގެ ޚިޔާލުތައް ދުލުން ބޭރުކޮށްލިއެވެ.
"ވައްކަން ކުރާ މީހަކަށް ވެދާނެތަ؟. ޝިފާގެ ޖުވެލަރީ ބޮކްސް ނުފެނުން ވާހަކަ ފަރީ ބުނީމެންނު." ވިސްނަން ހުރެފައި ފަޒީލު ބުންޏެވެ.
"ވައްކަން ކުރަން އައި މީހަކުނަމަ ކީއްވެ ޝިފާގެ ފޯނު ނުގެންދިޔައީ. އެ ޖުވެލަރީ ބޮކްސަށްވުރެ ޝިފާގެ އައިފޯނު މާ އަގުބޮޑުވާނެ. ނޫންތަ... ހިޔެއްނުވޭ ވަގެއްވަނީހެން. އެންމެ އަޖައިބުވަނީ ޝިފާ ގެއްލުނީމަ. އޭނާއަށް ގޮތެއް ހަދާނީ ކާކުބާއޭ ހިތަށް އަރަނީ. އަހަރެން ވިސްނާވިސްނާ ސިކުނޑި ފަޅައިގެން ގޮސްދާނޭ ހީވަނީ... ޝިފާ މަންމައާ ވެސް ކުރިމަތިލާން ނުކެރިފައި މިހުންނަނީ. އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރި. އަނެއްކާ ޝިފާ ބައްޕަ އެހާ އެންޓިވާނެ... ނަށާ ގުރޫޕަކާ ޖޮއިންވީތީ އަބަދު ހުންނަނީ ރުޅި އައިސްފައޭ ބުނޭ."
"އެންމެ ގާތް އެކުވެރިޔާއަށް ދެރަގޮތެއްވާން ފަރީ ވެސް ބޭނުމެއްނުވާނެ ދޯ. އެހެންވީމަ އަމިއްލަ ނަފްސަށް ބްލޭމް ނުކުރޭ." ފަރީލާގެ ވާހަކަ މެދުކަނޑާލައި ފަޒީލު ބުންޏެވެ.
* * * * *
އެއް ހަފްތާ ފާއިތުވެއްޖެއެވެ. ރަށުގެ އެއްވެސް ދިމާލަކުން ޝިފާލީއެއް ނުފެނުނެވެ. އެ މައްސަލަ ބެލުމަށް އަތޮޅު ސްޓޭޝަންގެ ފުލުހުންނާއެކީ މާލޭގެ އިސް ދެ ފުލުހަކު ރަށަށް އައެވެ. ނަމަވެސް ކުރިޔަށްދާނޭ ކޮޅެއް ނުފެނުނެވެ. ދެ ފަހަރަށް ގެސްޓްހައުސްގައި ތިބި މީހުންނާ ސުވާލު ކުރާން ގެންދިޔައެވެ. އެމީހުންގެ ވާހަކަތައް ބަދަލެއް ނުވެއެވެ. ޝައްކުކުރާނޭ ފުރުޞަތެއް ނެތެވެ. ފައިސަލް ވެސް އޭނާގެ ގޮތުގައި ހިފެހެއްޓިއިރު ދެންތިބި މީހުންގެ ވާހަކައިން ވެސް އިއްތިފާގުވެވުނީ ޝިފާލީއާ އެންމެ ދިމާނުވާނެ މީހަކަށްވާނީ ފައިސަލް ކަމެވެ. އެހެންވެ ފައިސަލްގެ މައްޗަށް ޝައްކު ކުރާނޭ ފުރުޞަތު ނެތުނީއެވެ. ޝިފާލީގެ ފޯނު ބެލިއިރު އޭގައި ވެސް ފައިސަލްއާ ގުޅުމެއް އޮތްކަމުގެ ހެއްކެއް ނެތެވެ. އޭނާ ޝިފާލީއަށް ގުޅަނީ "ވައިބަރ" މެދުވެރިކޮށެވެ. އެހެންވެ ކޯލު ލޮގް ހޯދިއިރު އެ ކޯލުތަކުގެ އިތުރުން މެސެޖެއް ވެސް ނުފެނުނެވެ. ފުލުހުން އިތުރު ހަފްތާއެއް އަދިވެސް ޝިފާލީ ފެނޭތޯ ރަށުތެރެ ހޯދުމަށް ނިންމިއެވެ. ފަޅުގެތަކާއި ގަސްކަރަތެރެއިން މީހުންނަށް ވަދެވޭން ހުރި ހިސާބެއްވިއްޔާ ބެލުމަށެވެ. އަދި ރަށުގައި ނުބެލޭ ހިސާބު އެބަހުރިކަން އެނގޭތީއެވެ. ނަމަވެސް ރަށުތެރެއިން ގިނަ މީހުންގެ ބަހަކަށްވީ ދެން ޝިފާލީ ނުފެންނާނެކަމެވެ.
ފުލުހުން ޝިފާލީ ހޯދުމުގެ މަސައްކަތް ނިންމާލަންދެން އޭނާގެ ޢާއިލާ ރަށުގައި މަޑުކޮށްގެން ތިބީ އުންމީދުކަނޑާލަން ބޭނުންނުވެފައެވެ. ހުސެންއާއި ފަރީލާ ވެސް އެ ޢާއިލާއާއެކު ގެސްޓްހައުސްގައި މަޑުކުރީއެވެ. ޝިފާލީ ހުރި ކޮޓަރިއަށް ވަނުމުގެ ހުއްދަ ފުލުހުން ދިނުމާއެކު ޝިފާލީގެ މަންމަ އެ ކޮޓަރިއަށް ނުވަންނަ ދުވަހެއް ނުދެއެވެ. ކޮޓަރީގައި ހުރި ޝިފާލީގެ އެއްޗެހި ފޮށްޓަށް އަޅައި ބަންދުކުރީ އޭނާގެ މަންމައާއި ފަރީލާއާ ދެ މީހުން ވެގެންނެވެ. ދުރުގައި އެ މަންޒަރު ބަލަން ޝިފާލީގެ ބައްޕައާއި ފިރިހެންކޮއްކޮ ތިއްބެވެ. އެ އެންމެންގެ ހާލު ބަލައި ކަމެއްބޭނުންވޭތޯ ބެލުމުގައި އެންމެ ކައިރީގައި އުޅުނީ ފަޒީލެވެ.
ދަންވަރު ދޭއް ޖެހީއެވެ. ވިއްސާރަ އަލިކޮށްފައި އޮތަސް އުޑުމަތީ ވިލާގިނައެވެ. ދޭތެރެއަކުން މެދުއުޑަށްވުރެ ތިރިއަށް ޖެހިލާފައިވާ ހަނދު ވިލާތަކުގެ ތެރެއިން ކިރިޔާ ފެނިލައެވެ. ދުވަހުގެ ވަރުބަލިކަމުގެ ސަބަބުން ގެސްޓްހައުސްގައި ތިބި އެންމެންވަނީ ފުން ނިދީގައެވެ. މުޅި ގޯތި ތެރެއަށް ވެސް އޮތީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. އަހަރެން ހުރީ ފައިސަލް އުޅޭ ކުޑަ ގޭގެ ތެރޭގައެވެ. އެކަމަކު އެތާކު އޭނާއެއް ނެތެވެ. އަހަރެންނަށް އެނގެނީ އެ ގެއަށް ވަދެފައި އަދި ފައިސަލް ނުނިކުންނަމެވެ. ގޭތެރެ ބަލަން އަހަރެން ފެށީމެވެ. މުޅި ގޭތެރެ ނުބެލެނީސް އަހަރެންނަށް ފެނުނީ ލަކުޑި ބިތް ކުރިޔަށް އަންނަން ފެށިތަނެވެ. އެތަންވީ ސިއްރު ދޮރަކަށެވެ. އެ ދޮރާ ގުޅިފައިވާ ކޮޓަރިއަށް ވަންނަން އުޅެފައި ވެސް އަހަރެން އެނބުރީ އެތަނުން ނުކުތް ފައިސަލްއާ ދިމާއަށެވެ. އޭނާ ހިފަހައްޓައިގެން ހުރި ދަބަސް ފެނުނެވެ. އެއީ ޝިފާލީ މަރާލި ރޭ އޭނާ ގެންގުޅުނު ދަބަހެވެ. އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދެވުނެވެ. އޭނާ ގެއިން ނުކުތެވެ. ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ބެލިއެވެ. ދެން ގަސްތަކުތެރެއަށް އޭނާ ހިނގައިގަތެވެ. އަހަރެން ހުރީ އޭނާގެ ކައިރީގައެވެ. ޝިފާލީ މަރާލަން ގޮވައިގެން ދިޔަ ރޭ އޭނާގެ ފުށުން އެއްވެސް ހާސްކަމެއް ނުފެނެއެވެ. ނަމަވެސް މިރޭ އޭނާ ފެންނަނީ ނިކަން ސިއްރުން އުޅޭތީއެވެ.
(ނުނިމޭ)