ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޔުކްރޭންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ޖިނާއީ ތަހުގީގަކާ ކުރިމަތިލާން ޖެހިފައިވަނީ ޔޫރީ އަރިސްޓޯވް ކިޔާ މެންބަރަކަށެވެ.
އޭނާ އާއިލާއާ އެކު ރާއްޖެ އައީ މިދިޔަ ޖުލައި މަހުގެ ތެރޭ ގައެވެ. ޗުއްޓީ ހޭދަކުރީ ރާއްޖޭގައި އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އިތާފުށި ރިސޯޓު ގައެވެ.
ޔުކްރޭންގައި ދައުލަތުގެ މަގާމުތައް ފުރުއްވާ ބޭފުޅުން ގައުމުން ބޭރަށް ދަތުރުކުރައްވާނަމަ ހާއްސަ ހުއްދައެއް ނަންގަވަންޖެހެ އެވެ. އަދި އެފަދަ ބޭފުޅުން ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރެއްވުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ.
އަރިސްޓޯވް ރާއްޖެ އައީ ބޭސް ފަރުވާ ކުރަން ކަމަށް ބުނެ ހޯދި ހުއްދައެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުކޮށް ތަހުގީގު ފަށާފަ އެވެ.
މިމައްސަލަ ފެންމަތިވުމާ އެކު އަރިސްޓޯވް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެވެ އެވެ.