ފިނިޕޭޖް

"ބީޓްލްޖޫސް 2"ގެ ސެޓުން ވައްކަންކޮށްފި

"ބީޓްލްޖޫސް" ނެރުނުތާ 35 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މައިކަލް ކީޓަން މައި ރޯލުގައި ހިމަނައިގެން ޓިމް ބާޓަން ހަދަމުންދާ ސިކުއެލްގެ ސެޓުން ވައްކަންކޮށްފި އެވެ.

ހޮލީވުޑްގެ ލިޔުންތެރިންގެ އިހްތިޖާޖް މޭ މަހުން ފެށިގެން ކުރިއަށް ދަނިކޮށް، މީގެ ދެ ހަފްތާކުރިން އެކްޓަރުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި އެކްޓަރުންގެ ގިލްޑް ސެގް-އާފްޓްރާގެ ހުރިހާ މެންބަރުން އިހްތިޖާޖްކުރަން ފެށުމާ ގުޅިގެން "ބީޓްލްޖޫސް 2" އާއި ގިނަ ފިލްމްތަކާއި ސީރީޒްތަކާއި ޝޯތައް ވަނީ ހުއްޓިފަ އެވެ.

"ބީޓްލްޖޫސް 2" ހުއްޓިފައިވަނީ އެ ފިލްމުގެ ޝޫޓިންގެ އެއް ސިކުއެންސް ނޫން އެހެން ބައިތައް ޝޫޓްކޮށްފައި ވަނިކޮށެވެ.

މި ފިލްމުގެ ކަންތައްތައް ހުއްޓިފައިވަނިކޮށް، ފިލްމުގެ ސެޓްގައި ހުރި ބޮޑު ދެ ޕްރޮޕް ވަނީ ވަގަށް ނަގާފަ އެވެ.

ވާމޮންޓް ސްޓޭޓް ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނީ އީސްޓް ކޮރިންތްގައި ޝޫޓްކުރަމުންދިޔަ ޓިމް ބާޓަންގެ ފިލްމްގެ ސެޓުން ވައްކަންކޮށްފައިވާތީ، އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ފިލްމްގެ ސެކިއުރިޓީ ޓީމުން ބުނީ ޖުލައި 14 ވަނަ ދުވަހު، ފާހަގަކޮށްލެވޭ ބަރަބޮލެއް ކޮޅުގައި ހަރުކޮށްފައި އިން ބޮޑު ލޭމްޕް ޕޯސްޓެއް ޕިކަޕަކަށް ލައިގެން ވަގަށް ގެންދިޔަ ކަމަށެވެ. އަދި ޖުލައި 17 ގައި 68 ކިލޯގެ ބަރުދަން ހުރި އެބްސްޓްރެކްޓް އާޓް ސްޓޭޗޫއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. މި ސްޓެޗޫ ބަހައްޓާފައި ހުރީ އެ ފިލްމްގެ ސީންތަކެއް ޝޫޓްކުރަމުން ދިޔަ ސަހަރާއެއްގައެވެ.

މި ފިލްމުގެ ކާސްޓްގައި މައިކަލް ކީޓަންގެ އިތުރުން ވައިނޯނާ ރައިޑާ، ޖެނާ އޯޓޭގާ، ކެތަރިން އޯ ހާރާ، މޮނިކާ ބެލޫޗީ، ޖަސްޓިން ތޮރޫ އަދި ވިލެމް ޑެފޯ ހިމެނެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ކުރިން ނިންމާފައިވަނީ ސެޕްޓެމްބަރު 6، 2024 ގައެވެ.