ޕީޕީއެމް

ރޯގާ އިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފި

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މާލެ ސަރަހައްދުގައި ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާދަޔާ ހިލާފު ބާރުމިނެއްގައި ހޮޑުލުމުގެ ރޯގާއެއް ކުޑަކުދިންގެ މެދުގައި ފެތުރެމުންދާއިރު، ކުޑަކުދިން އާންމުކޮށް އެއްވާ ޒާތުގެ ކަންކަން ސަރުކާރުން ކުރަމުން ގެންދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރަމުން ގެންދާ ކަންތައްތަކެއް ކަމަށެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތަކާއި، ފްލޯޓަށް ތައްޔާރުވެފައިވީ ނަމަވެސް، ފެތުރެމުންދާ ރޯގާއަށް ލުޔެއް ލިބެންދެން ދުވަސްކޮޅަކު މަޑުކޮށްލުމަކީ ދިވެހި ރައްޔިތުންނާއި ކުޑަކުދީންގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމުގައިވެސް ބަޔާނުގައިވެ އެވެ.

"ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށާއި އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މާލެ ސަރަހައްދުގައި ކުއްލިއަކަށް އިތުރުވާން ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.