ޑރ. ނަޒްލާ ރަފީގް

އެންމެ އިސްވާނީ ސިއްހަތުގެ ހައްގު: ނަޒްލާ

އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގައި އެންމެ މުހިންމީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގު ކަމަށް ވިދާޅުވެ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ޑރ. ނަޒްލާ ރަފީގު ނުސީދާ ރައްދެއް ދެއްވައިފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލްވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ ހައްގެއް ކަމަށް ބުނެ ބައެއް މީހުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ހިލާފުވަމުން ދާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން މާސްކު ނާޅާ އުޅުމާއި އެއްވުންތައް ބޭއްވުމާއި ގައިދުރު ކަމެއް ނެތި ސިޔާސީ ހަރަކާތްތައް ހިންގަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ މި ހާލަތަކީ އެއްވުންތައް ބޭއްވޭނެ ވަގުތެއް ނޫން ކަމަށެވެ. މި ވަގުތު އެންމެ މުހިންމީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގު ކަމަށާ އެ ހައްގަކީ ކޮންމެ ރައްޔިތަކަށް އޮތް ހައްގެއް ކަމަށެވެ.

"ސިއްހީ ނުރައްކަލުގެ މި ހާލަތަކީ އެއްވެސް ތާކަށް އެއްވެސް ގޮތަކަށް އެއްވާންޖެހޭ ދަނޑިވަޅެއް ނޫން. މާސްކު އަޅައިގެން ކަމުގައިވީ ނަމަވެސް އެއް ފަހަރާ މި ގޮތަށް އެއްވެ އުޅެވޭނީ ފަސް މީހުންނަށް ކަމަށް އަޅުގަނޑުމެން ނަސޭހަތްތެރިވަމުން ދާއިރު ހައްގެއް ކަމަށް ބުނެ ބައެއް ފަހަރު އެޗްޕީއޭގެ ގައިޑް ލައިންތަކާއި ހިލާފުވާތަން ވެސް އެބަ ފެނޭ. އާންމު ސިއްހަތުގެ ނުރައްކަލުގެ މި ހާލަތުގައި އެންމެ މުހިންމީ ފުރިހަމަ ސިއްހަތެއްގައި ހުުރުމުގެ ހައްގު. އެހެން އެއްވެސް ހައްގެއް އެ ހައްގަކަށްވުރެ އިސްވެގެން ނުވާނެ،" ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން ހުކުރު ދުވަހުގެ ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވާފަ އެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ސައިކަލް ބުރުގައި އެންމެން ކަހަލަ ގޮތަކަށް ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް ގައިދުރު ކަމަށް ސަމާލުކަން ދީފައެއް ނުވެއެވެ.

ރައީސް ސޯލިހުވެސް ވަނީ އިދިކޮޅު އެއްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހެންވޭރުގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމަށާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،" އިދިކޮޅުން ބޭއްވި ސައިކަލް ބުރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކުގައި ގާނޫނުގެ ބާރުވެރިކަން ހުންނާނެ ކަމަށާއި އެކަންކަމާއި ހިލާފަށް އެއްވެސް ބަޔަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތައް މުގުރާލާފައި އެއްވެސް ފަރާތަކަށް އަމަލު ކުރުމުގެ ފުރުސަތެއް ނުދޭނަން. އެކަމާއި ގުޅިގެން ސަރުކާރުން، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.