ކޮވިޑް ކޮންޓްރޯލް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިން ތަންފީޒުވަމުން ނުދާތީ އެޗްޕީއޭގެ އިސް ބޭފުޅުން ތިއްބެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ވަނީ އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާއި އަބޫބަކުރާއި އެޗްޕީއޭގެ ޓީމާ ބައްދަލު ކޮށްފަ އެވެ. މި ބައްދަލްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅުގެ ކަންބޮޑުވުންތައް އެޗްޕީއޭއާ ހިއްސާ ކުރުމަށް އެ އެޖެންސީގެ އިސް ބޭފުޅުންނާއި ބައްދަލްކުރުމަށް އޮކްޓޫބަރު މަހުން ފެށިގެން ދިޔައީ އެދެމުންނެވެ.
ގިނަ ދުވަސްތަކަކަށްފަހު އެޗްޕީއޭގެ ޓީމާ ބައްދަލްކުރެވުނު މުޅި ޓީމުން ވެސް ފެނިގެން ދިޔައީ ވަރަށް ބޮޑަށް މާޔޫސްވެފައި ވަނިކޮށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެ އެޖެންސީން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ވަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ހުރި ކަމަށެވެ.
މާލެއިން ރަށްރަށައް ދަތުރު ކުރެވެނީ ކަރަންޓީން ވެގެން ނަމަވެސް ސަރުކާރުގެ އިސްވެރިން ރަށްރަށައް ކަރަންޓީން ވުމެއް ނެތި ދަތުރުކުރުމަކީ އެޗްޕީއޭގެވެސް ކަންބޮޑުވުމެއްކަން މިއަދުގެ ބައްދަލްވުމުން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ ނަން ބޭނުންކޮށް ސަރުކާރުން ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. ސަރުކާރުގެ އަމަލުތަކާމެދު އެޗްޕީއޭގެ މުޅި ޓީމު އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ މުޅި އެޗްޕީއޭ ވަރަށް ބޮޑަށް ފެޑަޕްވެފައި މާޔޫސްވެފައި އޮއްވާ. މި ސަރުކާރުން އަޅުގަނޑަށް ދޭހަވީ އެޗްޕީއޭއަށް ގޮންޖަހާފައި ކަންކަން ކުރާކަން. އެޗްޕީއޭ ފާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ސަރުކާރުން ސީދާ ގޮންޖަހާފައި ކަންކަން މި ކުރަނީ،" މައިމޫނާގެ އިތުރުން ޑރ. ޝީނާވެސް ބައިވެރިވެވަޑައިގެން ބައްދަލްވުމާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އިދިކޮޅު ރަށު ބަންދުގައި ބޭއްވުމަށްފަހު ސަރުކާރުގެ ވެރިން ރަށްރަށައް ގޮސް ކަރަންޓީންވުމެއް ނެތި ކެންޕެއިން ކުރަމުންދާ ކަމަށެވެ. އެ ހައްގު އިދިކޮޅަށް ލިބިފައިނުވާތީ އެކަމުގެ ޝަކުވާވެސް ވަނީ އެޗްޕީއޭގެ ސަމާލު ކަމަށް ގެނެސްފައެވެ. އަދި އެ ޝަކުވާތައް ހިމަނާ އެކަންކަން ހައްލުކޮށް ދިނުމަށް އެދި ޑީޖޭއޭއަށް ސިޓީއެއްވެސް ފޮނުވާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ އެ ސިޓީއަށްވެސް ވަރަށް އަވަހަށް ޖަވާބު ދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވާ ކަމަށެވެ.