ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕީޕީއެމް

"ގައިޑްލައިނާ ހިލާފުވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން"

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދަނިކޮށް އިހުތިޖާޖުގެ ބައިވެރިން އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެ ކޯލިޝަނުން މިރޭ އެ ޕާޓީ އޮފީސް ދޮރުމަތީ ކުރި އިހުތިޖާޖަކީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިހުތިޖާޖެއް ކަމަށާ އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ރާވާފައި އޮތީ ނުވަ މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގައިދުރުކޮށް އެކި ހިސާބުގައި ތަފާތު މެސެޖުތަށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ ސުލްހަވެރިކަމާއެކު އަޑު އުފުލާ ގޮތަށް ކަމަށެވެ.

"އެހެންނަމަވެސް އެގޮތަށް އެ އިހުތިޖާޖު ކުރިއަށް ގެންދަން ފެށުމާއެކު، ސަރުކާރުގެ އަމުރާ އެއްގޮތަށް ގްރޫޕްތައް ލަވަމުން ގެނެސް އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވާ ގޮތަށް އިހުތިޖާޖުގެ ބައިވެރިން އެއްތަނަކަށް ޖަމާކޮށްފައިވަނީ އެ ވަގުތު އެސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުން. އަދި އިހުތިޖާޖު ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް ގަސްދުގައި އަނިޔާދިން މަންޒަރު ވެސް ވަނީ ފެނިގެން ގޮސްފައި،"

އެ ކޯލިޝަނުން ބުނީ އިހުތިޖާޖުގެ ބައިވެރިންނާމެދު ސަރުކާރުން އަމަލުކޮށްފައިވާ ގޮތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ދިވެހި ރައްތުންނަށް ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށާއި، ރައްޔިތުންނަށް އަނިޔާ ވާ ގޮތަށް ކަންކަން ކުރުމަށް ފުލުހުންނަށް އަމުރު ނުކުރުމަށް ވަނީ ގޮވާލާފައެވެ.

މާލެ ސަރަހައްދުގައި އެއްފަހަރާއި 10 މީހުންށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އަމުރުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި އެއްފަހަރާއި 10 މީހުންށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން މަނާ ކަމަށެވެ. އަދި މި އެންގުން ތަންފީޒު ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަންފީޒު ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.