އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވަރަށް ގިނަ އަދަދެއްގެ މީހުންނާއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.
ކޮވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.