ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

މުޒާހަރާއިން 17 މީހަކު ހައްޔަރު ކޮށްފި

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރު ކޮށްފި އެވެ.

މުޒާހަރާ ކުރާނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް އިިދިކޮޅުގެ ސަޕޯޓަރުން މިއަދުވެސް ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ފަށާފައެވެ.

ފުލުހުން ދެންމެ ބުނީ މިއަދުގެ މުޒާހަރާގެ ތެރެއިން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް މިދިޔަ ހަފްތާއިން ފެށިގެން ފުލުހުން ދަނީ އިންޒާރު ކުރަމުންނެވެ.

މިއަދު މުޒާހަރާ ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނުމާއި ގުޅިގެން މެންދުރު ފަހުން ފެށިގެން ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދިވެސް އެ ސަރަހައްދު އޮތީ ބަންދު ކޮށްފައެވެ.

އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީން ކުރަމުން ދަނީ ގައުމީ މަސައްކަތެއް ކަމަަށެވެ. އަދި ބަލިމަޑުކަމުގެ މި ހާލަތުގައި އިދިކޮޅުގެ އެއްވުންތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

މަނާކޮށްފައިވަނިކޮށް މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅުގެ ސަޕޯޓަރުން ވަނީ މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކޮށްފައެވެ. މުޒާހަރާއިން 32 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި އިދިކޮޅު ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ހައްޔަރު ކުރި މީހުން ވަނީ ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލާފައެވެ.