ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

ހުކުރު ދުވަހު އިިދިކޮޅުގެ ބޮޑު އެއްވުމެއް

Feb 11, 2021
4

މާދަމާ މާލެ ސިޓީގައި ބޮޑު އެއްވުމެއް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ބުނީ ހުކުރު ދުވަހު ހަވީރު ބޮޑު އެއްވުމަކަށް ނުކުންނަނީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ވަމުންދާތީ ކަމަށެވެ. ހާއްސަކޮށް ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ހައްގުވެރިންގެ އަތުން އަތުލާފައިވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުންޏެވެ. އެއްވުން ބާއްވަނީ "މަގޭ ފްލެޓް ކޮބާ" ނަމުގަ އެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމާއި އިންސާފުވެރި އިންތިހާބެއް ބާއްވާން ވެސް އެއްވުމުގައި ގޮވާލާނެ އެވެ.

މި ދުވަސްވަރަކީ ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެއްވުންތަކާއި ޖަލްސާތައް ބޭއްވުން މަނާ ދުވަސްވަރެކެވެ. އެއްވުންތައް ބާއްވާނަމަ އެ އެއްވުމެއް ރޫޅާލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަަވެސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާ އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންނެވެ. ރޭވެސް މާލޭގައި އިދިކޮޅު ސަޕޯޓަރުން ވަނީ ހިނގާލުމެއް ބާއްވާފަ އެވެ.

ރާއްޖޭގައި ސަތޭކައިން މަތީގައި ކޮންމެ ދުވަހަކު ޕޮޒިޓިވް ކޭސްތައް ފެންނަތާ 20 ދުވަސް ވަނީ ވެފަ އެވެ. މިދިޔަ ވިއްސަކަށް ދުވަހު 2،300 ވުރެ ގިނަ މީހުނަށް ބަލި ޖެހިފައިިވެ އެވެ. އަދި މި ބަލީގައި މިދިޔަ 40 ދުވަސްތެރޭ އަށް މީހަކު ވަނީ މަރުވެފަ އެވެ.