ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އިލްޔާސް: ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކަމަށް އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އާންމު މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އެ ޕާޓީގެ ރިޔާސީ ޓިކެޓް އިލްޔާސް އަށް ދިނުމަށް ތާއީދުކުރުމާ ގުޅިގެންނެވެ.

ޕްރައިމަރީގެ ނަތީޖާއަށް ފަހު ޓްވީޓެއް ކުރައްވާ ރައީސް ނަޝީދު ވަނީ އިލްޔާސްއަށް މަރުހަބާ ވިދާޅުވެފަ އެވެ.

"ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާ އަދި މާތްﷲގެ އިރާދަފުޅާ އެކު ސެޕްޓެމްބަރު 2023 ގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރައްވާނީ އިލްޔާސް ލަބީބް. ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ވިދާޅުވެފައިވެ އެވެ.


ދަ ޑިމޮކްރެޓުން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޒުވާން ލީޑަޝިޕަކަށް ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދުވެސް ވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާބޮޑަށްވެސް "މުސްކުޅިވެފައިވާ" ކަމަށް ވިދާޅުވެ އިލްޔާސް ފަދަ ޒުވާން ލީޑަަރަކަށް ފުރުސަތު ދެއްވުމަށް ގޮވާލައްވާފަ އެވެ.