އިލްޔާސް ލަބީބް

އެއްވެސް ނުފޫޒެއް ނެތް، އަޅުގަނޑަކީ މިނިވަނެއް: އިލްޔާސް

ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ގުޅޭ ކަންކަމުގައި ގޮތް ނިންމަވާނީ އަމިއްލަފުޅަށް ކަމަށް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިޔްލާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އިލްޔާސް މަސައްކަތް ކުރައްވަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒުގައި ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ ވެރިކަން ކުރައްވާނީ އިސްލާމްދީނާއި ގާނޫނު އަސާސީއާ އެއްގޮތަަށް ކަމަށާއި ކަންކަމުގައި ބޭފުޅުންގެ ލަފާ އާއި އިރުޝާދު ހޯއްދަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ނަންފުޅު ފާހަގަކުރައްވާ އިލްޔާސް ވަނީ ރައީސް ނަޝީދުގެ ލަފާ އާއި އިރުޝާދު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖެ މި ބަދަލުތަކުގެ ތެރޭގައި ރައީސް ނަޝީދަކީ އެންމެ ދުރު ވިސްނުންތެރިކަމާއެކީ ކަންކަން ޕްލޭން ކުރައްވާ ރާއްވައިގެން ގެންގޮސްފައިވާ އަދި ގެންދަވާ ބޭފުޅާ،" އިލްޔާސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުރުން ސިޔާސީ އެހެން ބޭފުޅުންގެ ލަފާ އާއި އިރުޝާދު ހޯއްދަވާނެ ކަމަށާއި އިގުތިސާދީ ކަންކަމުގައި އިގުތިސާދީ މާހިރުންގެ އިރުޝާދު ހޯއްދަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. މީގެ އިތުރުން ކަންކަމުގައި އާންމުންގެ ލަފާވެސް ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމުގައި ނިންމުންތައް ނިންމާނީ އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު. އަޅުގަނޑު މި ދެންނެވިގެން ލަފާ އާއި އިރުޝާދު ހޯދާނަން އެހެން ނަމަވެސް ނިންމުންތައް ނިންމާނީ އަޅުގަނޑު. އެކަމުގައި އަޅުގަނޑު އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނަން،" އިލްޔާސް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހަމަޖެއްސުމަށް އެ ޕާޓީގެ އާންމު މެންބަރުން ރުހުން ދިނީ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގަ އެވެ.