އިލްޔާސް ލަބީބް

އިލްޔާސް، މާލޭގައި ދޮރުންދޮރަށް ހިންގަވަން ފައްޓަވައިފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކެމްޕޭންގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކެމްޕޭންގައި ރަސްމީކޮށް ދޮރުން ދޮރަށް ހިނގަވަން ފައްޓަވާފައި މިވަނީ އިއްޔެ ބޭއްވި ޑިމޮކްރެޓުންގެ ޕްރައިމަރީގައި ވޯޓުލީ ގިނަ މެންބަރުން އެ ޕާޓީގެ ރިޔާސީ ޓިކެޓް އިލްޔާސް ދިނުމަށް ނިންމުމާ ގުޅިގެންނެވެ.

މުޅި ރާއްޖޭގައި އިއްޔެ ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި 3،208 މީހުން ވޯޓުލާފައިވެ އެވެ. މީގެތެރެއިން 3،041 މީހުން ވަނީ ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް އިލްޔާސްއަށް ދިނުމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ. އިލްޔާސް އަށް ޓިކެޓް ދޭން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވާއިރު ނުވަ ވޯޓް ވަނީ ބާތިލްވެފަ އެވެ.

ރިޔާސީ ޓިކެޓް ޔަގީންކުރެއްވުމަށްފަހު އިލްޔާސް މިއަދު ދޮރުންދޮރަށް ހިންގަވަން ފެއްޓެވީ މާލޭގެ ހެންވޭރު އުތުރު ދާއިރާ ގައެވެ. އޭނާއާ އެކު ޑިމޮކްރެޓުންގެ ބައެއް އާންމު މެންބަރުންވެސް ބައިވެރިވެ އެވެ.

ދަ ޑިމޮކްރެޓުން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޒުވާން ލީޑަޝިޕަކަށް ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދުވެސް ވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާބޮޑަށްވެސް "މުސްކުޅިވެފައިވާ" ކަމަށް ވިދާޅުވެ އިލްޔާސް ފަދަ ޒުވާން ލީޑަަރަކަށް ފުރުސަތު ދެއްވުމަށް ގޮވާލައްވާފަ އެވެ.