ފިނިޕޭޖް

މައިކަލް ޖޯޑަންގެ މާސިޑިޒް-ބެންޒް ކާރެއް ނީލަމަށް

އެމެރިކާގެ ބާސްކެޓްބޯލް ލެޖެންޑް މައިކަލް ޖޯޑަންގެ ކާރެއް ނީލަމަށް ލައިފި އެވެ. ކާރުގެ ނީލަން ފެށޭ އަގަކީ އެންމެ 23 ޑޮލަރެވެ.

ނީލަމަށް ލާފައިވާ ކާރަކީ 1996ގެ މާސިޑިޒް-ބެންޒް އެސް600 ލޮރިންސާ އެކެވެ. އަދި 23 އަކީ މައިކަލްގެ ޖާޒީ ނަމްބަރެވެ.

މައިކަލްގެ މި ކާރު ނީލަން ކިޔަނީ ލައިވްސްޓްރީމް ޝޮޕިން ޕްލެޓްފޯމް ވަޓްނޮޓް މެދުވެރިކޮށެވެ. މިއީ ވަރަށް ޒަމާނީ ޕްލެޓްފޯމެކެވެ. މި ކާރު ނީލަން ކިޔާ މުއްދަތު ހަމަވުމުން، ކާރު ލިބޭ ފަރާތް ހޮވާނެ އެވެ.

މި ކާރު މިވަގުތު ބާއްވާފައިވަނީ މިއަދުގެ ނިޔަލަށް ޝިކާގޯގައި ހިނގަމުންދާ ދަ ނެޝަނަލް ސްޕޯޓްސް ކަލެކްޓާސް ކޮންވެންޝަންގައި ޑިސްޕްލޭކޮށްފަ އެވެ.

މި ކޮންވެންޝަނަށްދާ ފޭނުންނަށް 23 ޑޮލަރަށް ކާރު ނުލިބުނަސް، ތްރޯބެކް ކިޔާ ފިހާރައަކުން މައިކަލްގެ ސްޕޯޓްސް ކާޑްއާއި މެމޯރަބީލިއާ ގަނެވޭނެ އެވެ.

މައިކަލް ޖޯޑަން 1998 ވަނަ އަހަރުގެ އެންބީއޭ ފައިނަލްސްގެ ފުރަތަމަ މެޗްގައި ބޭނުންކުރި "ލާސްޓް ޑާންސް" ޝިކާގޯ ބުލްސް ޖާޒީ 10.1 މިލިއަން ޑޮލަރަށް މީގެކުރިން ވިއްކާފައިވެ އެވެ. މިއީ މިހާތަނަށް ކުޅިވަރެއްގައި ބޭނުންކޮށްފައިވާ ޖާޒީއެއް ވިކުނު އެންމެ ބޮޑު އަގެވެ.