ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރަނީ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މި ފެށޭ ދިރާސީ އާ އަހަރުގައި -- އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފަށައި އެތަނުގައި އެއްދަންފަޅިއަށް ކިޔަވައިދޭން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަދި ބެލެނިވެރިންނަށްވެސް އެކަން އަންގާފައިވާ ކަމަށް ދަރުމަވަންތަ ސްކޫލުގެ ބައެއް ބެލެނިވެރިން އަވަސްއަށް ޔަގީންކޮށްދީފައިވެ އެވެ.

ދަރުމަވަންތަ ސްކޫލުގައި ދިރާސީ އާ އަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:45 އިން މެންދުރުފަހު 2:30 އަށެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގައި 41 ކުލާސްރޫމުގައި 800 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް ފުރަތަމަ ނިންމީ ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް -- މަޖީދިއްޔާ ސްކޫލާ އިންވެގެން އޮންނަ ބިން -- ހުރި ތަނުގަ އެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުގައި މި މަޝްރޫއު ލަސްވެ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވެ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދާފައިވަނީ ބޮޑުތަކުރުފާނު މަގުގައި މާލޭ ޖަލާ ޖެހިގެންނެވެ.

މި އިމާރާތް ނިންމަން ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއި ކުރީ ފެބްރުއަރީ 4، 2020 ގައެވެ. މަސައްކަތުގެ އަގުގެ ގޮތުގައި 74.9 މިިލިއަން ރުފިޔާ ކަނޑައަޅައި، މަސައްކަތް ނިންމަން ދިނީ އެއް އަހަރެވެ. އިމާރާތުގެ ޑިޒައިނަށް ފަހުން ގެނައި ބަދަލާ އެކު ސްކޫލުގެ މަސައްކަތް ނިންމަން ސަރުކާރުން ވަނީ އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެސްޖޭ އަށް ދީފަ އެވެ. ޑިޒައިނަށް ފަހުން ގެނައި ބަދަލުތަކާ އެކު ސްކޫލުގެ މަސައްކަތް ނިންމަން 150 ދުވަސް ވެސް އޭރު އިތުރަށް ދީފައިވެ އެވެ.