ރިޔާސީ އިންތިހާބު 2023

ރީރަޖިސްޓްރީކުރަން އަދި ލިބުނީ 12،000 ފޯމު

ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން 12،000 އެއްހާ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރީރަޖިސްޓްރީވަމުންދާ ގޮތުގެ ތަފާސްހިސާބުތައް ހިއްސާކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިއަދުގެ ނިޔަލަށް ރީރަޖިސްޓްރީވުމަށް ހުށަހަޅާފައިވަނީ 11،933 މީހުންނެވެ. މީގެތެރެއިން 9،758 މީހަކު ރީރަޖިސްޓްރީ ކޮށްދީފައިވާއިރު 2،138 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ.

ރީރަޖިސްޓްރީ ކުރަން އޮންލައިންކޮށް ހުށަހެޅި 8،624 ފޯމުގެ ތެރެއިން 6،816 ފޯމު ބަލައިގަތުމަށްފަހު 1،808 ފޯމު ބަލައިގެންފައެއް ނުވެ އެވެ.

ރީރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 295 ފޯމުގެ ތެރެއިން 265 ފޯމު ރަޖިސްޓާކޮށްދީފައިވެ އެވެ. ބާކީ 30 ފޯމު ބަލައިގެންފައެއް ނުވެ އެވެ. ޖަލު ތަކުގައި ތިބި 782 ގައިދީއަކު ވެސް ވަނީ ރީރަޖިސްޓްރީ ކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީރަޖިސްޓްރީވުމަށް ހުޅުވާލީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަނަށް ފޯމު ހުށަހަޅައިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރީރަޖިސްޓާ ކުރެވޭނެ އެވެ.

ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ނުވަ ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ފޮށްޓެއް ބެހެއްޓޭ ވަރަށް މިހާތަނަށް ރީރަޖިސްޓާ ކޮށްފައިވަނީ މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި އެކަނި ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.