ފިނިޕޭޖް

ސޮނީގެ ދެ ފިލްމެއް ރިލީޒްކުރާ ތާރީހް އިއުލާންކޮށްފި

ސޮނީ ޕިކްޗާސްގެ ދެ ފިލްމް ކަމުގައިވާ "ބޭޑް ބޯއިޒް 4" އާއި "ވެނަމް 3" ރިލީޒްކުރާ ތާރީހް އިއުލާންކޮށްފި އެވެ. މި ދެ ސިކުއެލްގެ ރަސްމީ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މާޓިން ލޯރެންސް އާއި ވިލް ސްމިތް ލީޑް ރޯލް ކުޅޭ ކާމިޔާބު "ބޭޑް ބޯއިޒް" ފިލްމު ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު އުތުރު އެމެރިކާގައި ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު އެވެ. މި ފިލްމު ބޮކްސް އޮފީހުގައި ވާދަކުރާނީ ޑިޒްނީގެ "އިންސައިޑް އައުޓް 2" އާއެވެ.

ޓޮމް ހާޑީއާއެކު ކުރިއަށް ގެންދާ ކާމިޔާބު "ވެނަމް" ފިލްމް ފްރެންޗައިޒްގެ ތިންވަނަ ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހު އެވެ. "ވެނަމް"ގެ ކުރީ ދެ ފިލްމު ރިލީޒްކޮށްފައިވަނީ އޮކްޓޯބަރު ގައެވެ.

ސޮނީއިން މި ދެ ފިލްމް ރިލީޒްކުރާ ތާރީހް އިއުލާންކުރިއިރު އެހެން ފިލްމްތަކެއް ރިލީޒްކުރާ ތާރީހަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން "ކްރޭވަން ދަ ހަންޓާ" އާއި "ގޯސްޓް ބަސްޓާސް"ގެ ސިކުއެލް 2024 އަށް ލަސްކޮށް، "ސްޕައިޑަމޭން: ބިޔޯންޑް ދަ ސްޕައިޑާވާސް" އުނިކޮށްފައިވެ އެވެ.