ފިނިޕޭޖް

ހޮލީވުޑްގައި އިހްތިޖާޖުކުރާ ލިޔުންތެރިންނަށް ރޮކްގެ އެހީއެއް

ޑްވޭން "ދަ ރޮކް" ޖޯންސަން، 51،ގެ ދީލަތި އެހީ ސްކްރީން އެކްޓާސް ގިލްޑް އެންޑް އެމެރިކަން ފެޑެރޭޝަން އޮފް ރޭޑިއޯ އާޓިސްޓްސް (ސެގް – އަފްޓްރާ) އަށް ލިބިއްޖެ އެވެ.

ޑްވޭން ސެގް-އާފްޓްރާގެ އެމަޖެންސީ ފައިނޭންޝަލް އެސިސްޓަންސް ފަންޑަށް އެހީ ވެފައިވާކަން ކަށަވަރުކުރީ ސެގް-އާފްޓްރާގެ އެގްޒެކްޓިވް ޑައިރެކްޓަރު ސިޑް ވިލްސަން އެވެ. ޑްވޭންގެ ދީލަތި އެހީގެ އަދަދު ހާމަކޮށްފައިނުވާއިރު، އެ އަދަދަކީ ހަތް ނަމްބަރު އެކުލެވޭ އަދަދެއް ކަމަށް ބުނެފައިވެ އެވެ.

ހޮލީވުޑްގެ ލިޔުންތެރިންނާ އެކު ފިލްމީ ތަރިންގެ އިހްތިޖާޖު ކުރިއަށްދާ ދުވަސްވަރު، ބައެއް ފަރާތްތަކަށް އާމްދަނީ ނުލިބުމުން މާލީ ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ، އެކަން ފާހަގަކޮށް އެހީވުމަށް އެދި އެ ގިލްޑްގެ ރައީސް ކޯޓްނީ ބީ. ވާންސް އާއި ސިޑް ވިލްސަން ވަނީ އެ ގިލްޑްގެ އޭންމެ މަތީ އާމްދަނީ ލިބެމުންދާ 2700 މެންބަރުން ކިބައިން އެހީއަށް އެދިފަ އެވެ.

ސެގް-އާފްޓްރާގެ މެންބަރުންގެ އަދަދަކީ 160،000 އެވެ.

ވިލްސަން ބުނީ އެންމެ ބޮޑު ހާލަތްތަކުގައި، މާލީ ދަތިތަކާ ކުރިމަތިލާ ސެގް-އާފްޓްރާގެ މެންބަރުންނަށް 6000 ޑޮލަރާ ހަމައަށް އެމަޖެންސީ ފައިނޭންޝަލް އެސިސްޓަންސްގެ ގޮތުގައި ލިބޭނެ އެވެ. އަދި އެމަޖެންސީ ފައިނޭންޝަލް އެސިސްޓަންސްގެ ބޭނުންޖެހޭނެ ސެގް-އާފްޓްރާގެ މެންބަރުންގެ އަދަދު 7000 އާއި 10،000އާ ދެމެދު ހިމެނޭ ކަމަށް ވިލްސަން ބުންޏެވެ.

ޑްވޭންގެ އެހީއާ ގުޅޭގޮތުން ވާންސް ބުނީ މިއީ އެންމެން އެއްބައިވެގެން ކުރަންޖެހޭ ކަމެއް ކަމަށާއި އެ މެންބަރަކަށް އެހީ ދެވޭނެ ގޮތަކަށް އެހީ ދިނުން މުހިއްމު ކަމަށެވެ. އެއީ 10 ޑޮލަރު ވިޔަސް، 10،000 ޑޮލަރު ވިޔަސް އަދި 10 މިލިއަން ޑޮލަރު ވިޔަސް، އެ ފައިސާ އިން އެހީ އެ ވެވެނީ ކޮންމެވެސް މީހަކަށް ކަމަށްވެސް ބުންޏެވެ.

ވާންސް ބުނީ އިހުތިޖާޖެއް ކުރަން ފެށުމުން ކުރިމަތިވާނެ ދަތިތައް އެންމެންނަށްވެސް އެނގޭ ކަމަށާއި އެހެންނަމަވެސް ހައްގު ހޯދުމަށް ކެރިގެން ކުރިމަތި ނުލާނަމަ، އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އަޑީގައި ހަރުދަނާ ސަޕޯޓަރެއް ހުރިނަމަ، އެކި ކޮޅަށް އަރިނާޅާ، ހައްގު ހޯދުމަށް ސީދާކޮށް ކޮޅަށް ހުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ވާންސް ވަނީ ސެގް-އާފްޓްރާގެ ހުރިހާ މެންބަރުންގެ ފަރާތުން، ޑްވޭންގެ އޯގާތެރިކަމާއި ހަމްދަރްދީ އާއި މުޖުތަމައަށް ފައިދާ ހުރި ގޮތަކަށް ވެދިން ދީލަތި އެހީއަށް ފަށްފަށުން ޝުކުރު އަދާކޮށްފަ އެވެ.