ކިތަންމެ ގަދަ ކަނޑެއްގައި ދަތުރުކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ސާބިތުވެ ހުންނަވާނެ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ފައިސަލް ނިސްބަތްވާ ފުވައްމުލަކުގައި ރައީސް ސޯލިހް މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވަނީ ވަރަށް ފޯރިއާއި ޖޯޝުގައި ވާހަކަދައްކަވައި ރައީސް ސޯލިހާއި މިސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.
ފައިސަލް ވިދާޅުވީ ރައީސް ސޯލިހަކީ ދިވެހި ރައްޔިތުންނަށް އިހްލާސްތެރި އަދި ވައުދެއް ވެވަޑައިގެންފިނަމަ ފުއްދަވައިދެއްވާނެ ލީޑަރެއް ކަން ޔަގީންކޮށްދެއްވާފައިވާ ކަމަށެވެ.
ރައީސް އެވަނީ އެމަނިކުފާނަކީ 'ޕްރޫވަން ޕްރޮޑަކްޓެއް" ކަމަށް ސާބިތުކޮށްދެއްވާފައި،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ކޮވިޑް 19ގެ ދުވަސްވަރު ގައުމުތައް ބަންދުކޮށް ދުނިޔޭގެ އިގްތިސާދު ހުއްޓުނު ވަގުތު ރައީސް ސޯލިހް ވަނީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ފިޔަވަޅުތަކެއް އަޅުއްވާ ރާއްޖޭގެ އިގްތިސާދު އަލުން ނަގައި ކޮޅަށް ޖައްސަވާފައި ކަމަށެވެ. ކޮވިޑް 19ގެ ތެރޭގައި އެންމެ ފުރަތަމަ ހުޅުވާލި ބޯޑަރުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށާއި ރައީސް އެކަން ކުރެއްވީ ބައެއް ބޭފުޅުން އެގޮތަށް އަމަލުނުކުރުމަށް ދަންނަވަމުން ގެންދަވަނިކޮށް ހިކުމަތްތެރިކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.
"އެ ފިޔަވަޅު އެޅުއްވީމާ ރިސޯޓުތަކުގެ އޮކިއުޕަންސީ ދެގުނަވެ ޓޫރިސްޓުން ދެގުނަ ވެގެން ދިޔަ،" ނައިބް ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބިރުވެރިކަމާއި ނުތަނަވަސްކަން ދިމާވި އެތައް ވަގުތެއް އެތައް ކަމެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް 2018ގައި ވެރިކަމަށް ކުރިމަތިލައްވާ ރައީސް ސޯލިހް ވައުދުވެވަޑައިގަތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ދަތިތައް ހައްލުކޮށްދެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި ގޮތަށް ގައުމު އަމާން ތަނަކަށް ބަދަލުކޮށް މުޅި ރާއްޖޭގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ބާރު ދުވެލީގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވާނީ 2018 ގައިވެސް ފުވައްމުލަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ނިންމުން ހަމަ ވަރަށް ރަނގަޅޭ،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ސިޔާސީ ވަކި ފިކުރަކަށް އަދި ވަކި ރަށަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގައިވެސް ރައީސް ސޯލިހްގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ. މިސަރުކާރުން ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކާއި ގާތްކުރާ އަދަދަކަށް ވެސް ނިމިދިޔަ ސަރުކާރުގައި ފުވައްމުލަކަށް ކަންތައްތަކެއް ކޮށްދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ނައިބް ރައީސް އެދިވަޑައިގަތީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ބަލައިގަނެ ރައީސް ސޯލިހަށް ރިޔާސީ އިތުރު ދައުރެއް ދެއްވުމަށެވެ.
ފައިސަލް ވިދާޅުވީ ގައުމުތައް ކުރިއަރާ ދަނީ ޒުވާން ޖީލެއް ބިނާކޮށްގެން ކަމަށެވެ. ރައީސް ސޯލިހް އެކަން ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އޭގެ މިސާލެއް ކަމަށެވެ.
ފުވައްމުލަކުގެ ވަރަށް ގިނަ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކަމަށްވެސް ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެހެންވެ ފުވައްމުލަކުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި އެ ވައުދު ވަނީ އެމަނިކުފާނު ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"އެހެންވީމާ އެކަމުގައި އެއްވެސް ސުވާލެއް އޮވެގެންނުވާނެ. އެވައުދު މިވަނީ ފައިސަލް ނަސީމު،" ފުވައްމުލަކަށް އަމިއްލަ ގޮތުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ނައިބް ރައީސް ވިދާޅުވި އެވެ.
ފައިސަލްގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުވައްމުލަކުން ރައީސް ސޯލިހަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަން ޔަގީންކޮށްދެއްވާފަ އެވެ. އަދި ފައިސަލް ދެއްވި ޔަގީންކަމަކީ ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށްޓަކައި ކިތަންމެ ގަދަ ކަނޑެއްގައި ދަތުރުކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސްއާ އެކު ސާބިތުވެ ހުންނާނެ ކަމެވެ.