- އެންމެ އުފާވީ ގައުމީ އިނާމު ލިބުމުން
- ކީޕަރު އިމްރާން ފިޓްކޮށް ދިނުމަކީ ބޮޑު ކާމިޔާބީއެއް
- ފިޓްނަސް ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރޭ
"މިހާ ހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޝައުގުވެރިކަން. ހިތްވަރާއިއެކު މަސައްކަތް ކުރުން،" ރާއްޖޭގެ އެންމެ ބޮޑު ފިޓްނަސް ސްޓޫޑިއޯ ކަމަށްވާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ސީއީއޯ ހުސެއިން ޒިނާން ވާހަކަ ފެށީ މިހާ ހިސާބުންނެވެ.
ޒިނާންގެ ފިޓްނަސްގެ ވާހަކަ ފަށާނަމަ ދާން ޖެހެނީ 1995 އަހަރާ ހަމަ އަށެވެ. އޭނާ އެންމެ ފުރަތަމަ އަލަށް ޖިމެއްގެ އޮޅިގަނޑު ހުރަސްކޮށްފައި ވަނީ ވެސް ކުރީގެ މަޝްހޫރު "މަސަލްލޯޑް" އަށެވެ. ކަސްރަތު ކުރަން ޝައުގުވެރިކަން އުފެދުނީ ވެސް އެ ޖިމަށް ދިޔަ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
"މަސަލް ލޯޑަށް ގޮސްގެން ކަސްރަތަށް ޝައުގުވެރިކަން އުފެދުނީ. އެތަނަށް [މަސަލް ލޯޑު] އިން ޖާގަ ދިނީ ކެސްޓޯ. ބައެއް ދުވަސް ދުވަހު ޖިމް ހުޅުވާލަން ވެސް ކެސްޓޯ ފުރުސަތު ދިން. އެ ދުވަސްވަރު ކަސްރަތުގެ މައުލޫމާތު ހޯދަނީ އެގޮތް މިގޮތުން މެގަޒިން ތަކުން،" ރާއްޖޭގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ މާސްޓާ ޓްރެއިނަރު ކަމަށްވާ ޒިނާން ބުންޏެވެ
"މަސަލް ލޯޑްގެ ތެރޭގައި މަސައްކަތް ކުރަމުން އެހެން ވަޒީފާއެއް ވެސް އަދާކުރަން ދިޔައީ. މިގޮތަށް ދަނިކޮށް ދެހާސް ދެވަނަ އަހަރު ލިބުނީ އޭޝިއަން ގޭމްސްއަށް ދިޔަ އޭރުގެ ބޮޑީ ބިލްޑިން އެތްލީޓް އަފްރާހުއާއެކު ދާން. އެގޮތަށްގޮސް ހުއްޓައި ދިމާވީ މާލޭ ފިޓްނަސް ކްލަބް ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާ ހާމިދު އަބްދުލް ޤަފޫރާ. ދިމާވެގެން ކަސްރަތުގެ ވާހަކަ ދެކެވެން ފެށީ،" ޒިނާން ބުންޏެވެ.
"އެއް ދުވަހު ޖިމްގައި އުޅެނިކޮށް ފޯނު ބަލައިލިއިރު ހާމިދު އޮތީ ގުޅާފަ. ދެން ގުޅީމަ ވަރަށް ރަނގަޅު ފުރުސަތު ދިނީ މާލޭ ފިޓްނަސް ކްލަބް ހިންގަން ހަވާލުވާން. އަޅުގަނޑު އެކަމާ އެއްބަސްވީ،" ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ފިޒިކަލް ޓެރެއިނަރެއްގެ މަގާމުވެސް އަދާކުރި ޒިނާން ބުންޏެވެ.
ޒިނާންއާ ކޮންމެވެސް ވަރަކަށް އާއިލީ ގޮތުން ވެސް ގުޅުން އޮންނަ، ހާމިދުއާ ދިމާވުން ވެގެން ދިޔައީ އޭނާގެ ފިޓްނަސްގެ ހަޔާތުގެ ފެށުމަށެވެ. އެހެން ހަރުފަތަކަށް ދިޔުމަށް ލިބުނު ކުރިއެރުމަށެވެ. އެހެންވެ ރަނުގެ މި ފުރުސަތުގެ ބޭނުންހިފައި ޒިނާން މާލެ ފިޓްނަސް ކްލަބްގެ ހިންގުމާ ހަވާލުވި އެވެ.
"އޭރު ވަރަށް ރަނގަޅު، ޅަކުދިން ކޮޅެއް ތިބީ މާލެ ފިޓްނަސް ކްލަބްގައި. އަޅުގަނޑު މަސައްކަތް ކުރިން މިހާރު މާލޭ ފިޓްނަސް ކްލަބް ހުރި ތަނަށް އެތަން ބަދަލު ކުރަން. އޭރު ހުންނަނީ ދަގަނޑު މެޝިންތައް އެކަނި. އަޅުގަނޑުމެން ވިޔަފާރިއެއް ގޮތަށް އޭރު ޖިމް ކުރިއަރުވަން މަސައްކަތް ކުރީ. އޭރު މާލެ ފިޓްނަސް ކްލަބުން ޖިމް އިކްއިޕްމަންޓް ސްޕްލައިކުރަމުން ދިޔަ. އެ ދުވަސްވަރު މާލޭ ފިޓްނަސް ކްލަބަށް ޓްރެޑްމިލް ފަދަ ތަކެތި ހޯދީ،" ރާއްޖޭގެ ފުރަތަމަ ޖިމް ކުރިއަރައިގެން ދިޔަ ގޮތް ކިޔައިދެމުން ޒިނާން ބުންޏެވެ.
"މިގޮތަށް މާލެ ފިޓްނަސް ކްލަބްގައި އުޅެނިކޮށް އަޅުގަނޑަކަށް ލިބުނީ އިނގިރޭސިވިލާތަށް ކިޔަވަން ދިއުމުގެ ފުރުސަތު. އެއީ 2004 ވަނަ އަހަރު. އަޅުގަނޑު ކިޔެވުމުގެ ހުރިހާ ކަމެއް ކޮށްދެއްވީ ވަހީދުއްދީން. އެހެންވެ، އިނގިރޭސިވިލާތުގައި މާސްޓާ ޓްރެއިނަރެއްގެ ގޮތުގައި ތައުލީމް ހާސިލް ކުރީ،"
"މި އުޅުނު އެކި ދުވަސްތަކުގެ ތެރޭގައި އެގޮތް މިގޮތުން އެއްޗިހި ތަކެއް އެނގިއްޖެ. ކިޔަވަން ދިއުމުން މިކަން ފޯމަލް ވެގެން ދިޔައީ. އަޅުގަނޑު ތައުލީމް ހާސިލްކޮށް ނިނުންމާލުމަށްފަހު ފުރަތަމަ ބެލީ އިންސްޓްރަކްޓަރުން ތަމްރީންކުރަން ފެށީ. އޭރު މާލެ ފިޓްނަސް ކްލަބުން ހިންގާ ކޯހުން ގިނަ އިންސްޓްރަކްޓަރުން ތަމްރީން ވެފައިތިބީ. ކިޔަވައިދިނުމުގެ ތެރޭގައި އުޅެން ފެށީމަ އެނގުނީ މިކަމަކީ ކުރެވޭނެ ކަމެއްކަން،" ރާއްޖެއަށް ރެޑިކަލް ފިޓްނަސްގެ ޕްރޮގްރާމްތައް ތައާރަފުކުރި ޒިނާން ބުންޏެވެ.
ޒިނާން މާލެ ފިޓްނަސް ކްލަބް ހިންގަމުން ދިޔަ ދުވަސްވަރު ފުރަތަމަ ފަހަރަށް އަންހެނުންނަށް ހާއްސަ ޖިމެއް އެތަނުގައި ހެދި އެވެ. "ހާޒް މާލޭ ފިޓްނަސް ކްލަބް" ގެ ނަމުގައި އަންހެނުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހެދި މި ތަންވެގެން ދިޔައީ ރަނގަޅު ފެށުމަކަށެވެ.
"ޖިމްގައި އެއްޗެއް ކިޔައި ދިނުމުން ފެށިގެން މިހާ ހިސާބަށް މި އާދެވުނީ،" ޒިނާން ބުންޏެވެ.
އޭނާގެ ވިސްނުން ބޮޑު ފިޓްނަސް ސްޓޫޑިއޯއަކާ ދިމާލަށް އެނބުރިގެން ދިޔައީ މި ހިސާބުންނެވެ. ޒިނާންގެ ސިކުނޑީގައި އަބަދު ވެސް ފެންވަރު ރަނގަޅު ޖިމެއް ހެދުމުގެ ހިޔާލު އޮވެ އެވެ. އެކަމަކު އޭނާގެ ސިކުނޑީގައި ކުރަހާފައިވާ ޖިމްގައި، ދުވާ މެޝިންގެ، 10 އެތި ހުންނަން ޖެހެ އެވެ.
"އެއީ ހުވަފެނެއްހެން ދެކެމުން އައިކަމެއް. އެހެންވެ2009 އަހަރު ވިސްނީ އެކަން ކުރަން،" ޓީއެފްޖީ އުފެދުމުގެ ހިޔާލު އައިގޮތް ހިއްސާކުރަމުން، ޒިނާން ބުންޏެވެ.
މި ދުވަސްވަރުގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ގިނަ ޕްރޮގްރާމްތަކެއް އާއްމުންނަށް އޭނާ ހިންގި އެވެ. އެގޮތުން އެންމެ ފާހަގަ ވެގެންދިޔަ އެއް ކަމަކީ "ދިޓީވީއާ" ގުޅިގެން ހިންގި "ޑްރީމް ބޮޑީ" ޕްރޮގްރާމެވެ. ފަލަކޮށް ތިބޭ މީހުން ވަކި މުއްދަތެއްގެ ތެރޭގައި ހިއްކާލާ މި ޕްރޮގްރާމް ވެގެން ދިޔައީ ޒިނާންއަށް ވަރުގަދަ ގޮންޖެހުމަކަށެވެ.
"މުޅި ޕްރޮގްރާމްގެ ކޮންސެޕްޓާއި އައިޑިއޮލޮޖީއަކީ ވެސް އަޅުގަނޑު. މިގޮތުން ދެ ޕްރޮގްރާމް ހިންގިން. މި ޕްރޮގްރާމުގައި 30 ކިލޯ ހިއްކިގެން ދިޔަ ބައެއް މީހުންގެ. މި ދުވަސްވަރު ފުލުހުންނަށް ފިޒިކަލް ޓްރެއިން ޕްރޮގްރާމްތަކެއް ވެސް ހިންގިން،" ޒިނާން ބުންޏެވެ.
ޒިނާން ފިޓްނަސްގެ މަސައްކަތް ފެށި ދުވަސްވަރަކީ ޕާސަނަލް ޓްރެއިނިން (ޕީޓީ) ގެ އަގު ދަށް ދުވަސް ވަރެވެ. އެ ދުވަސްވަރު ޕީޓީ ނަގާ އިންސްޓްރަކްޓަކަށް މަހެއްގެ މައްޗަށް ޗާޖުކުރަނީ އެންމެ 250ރ. އެވެ. ނަމަވެސް ޒިނާންގެ ބުރަ މަސައްކަތުން ޕީޓީ ދޭ އިންސްޓްރަކްޓަރުންގެ ބުރަ މަސައްކަތުގެ އަގު މަތިވެގެން ދިޔަ އެވެ.
"އޭރު ގަޑިއިރަކަށް 18ރ. ވަރު ޖެހެނީ. އޭރު އެކަން ކުރާގޮތް އޮންނަނީ ނޭނގިފައި، އެކޮޅުން ކިޔަަވައިގެން އައިސް ޕާސަނަލް ޓްރެއިނަރުންގެ ކައިރީ ބުނަން ފެށީ. މިއީ ބުރަ ކަމެކޭ. މި ކަމަށް އަގު ލިބެން ޖެހޭނެއޭ. އެ ޒަމާނުގައި 2،000ރ. ޕީޓީ ނަގަން ފެށީ. އޭރު މީހުން ބުނޭ ޒިނާން މޮޔަވީހޭ؟ މިއީ ބުރަ މަަސައްކަތެއް. އިންސާނާގެ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓަން ޕްރޮގްރާމް ހަދައިދޭން ޖެހޭ. އެ އިމްޕްލިމެންޓް ކުރަން ޖެހޭ. މިހާސިހާބުން ޕީޓީގެ އަގު 3،000ރ. އިން 6،000ރ. އަށް އުފުލިއްޖެ،" ޒިނާން ބުންޏެވެ. "މިއީ އިންޑަސްޓްރީ ހޯދި ކުރިއެރުމެއް. މިއަދު މި އޮތީ އިންޑަސްޓްރީ ފުޅާވެފައި. އަގު ބޮޑުވުމަކީ މަސައްކަތުގެ ޒިންމާ ބޮޑުވާ ކަމެއް."
"މިހާ ހިސާބުން އަޅުގަނޑުގެ ޕާޓްނަރު މުހައްމަދު ކަލީމްގެ ކައިރީ މި ތަނު [ޓީއެފްޖީ] ގެ ވާހަކަ ބުނީ. އަޅުގަނޑު ބުނިން އަޅުގަނޑަކީ މާގިނަ ފައިސާ ތަކެއް ހުރި މީހެއް ނޫނޭ. އަޅުގަނޑަކީ ޓެކްނިކަލް މީހެކޭ. މުހައްމަދު ކަލީމް މި މަސައްކަތް ފެށީ. މިހާހިސާބުން އަހުމަދު ކަލީމް އާއި އަޅުގަނޑުގެ ފުރެންޑު މިސްތޮ އާއި މަޝްހޫރު ދުވުންތެރިޔާ ކުޑަހުސެން ވެސް ޖޮއިންކުރީ،" ދެހާސް ދިހައެއްގައި ޓީއެފްޖީ އުފެއްދުމުގައި އިސްކޮށް އުޅުނު ޒިނާން ބުންޏެވެ.
ޒިނާން އެކުވެރިންނާއެކު ޓީއެފްޖީ އުފެއްދިނަމަވެސް، މި މަސައްކަތުގެ ފުރަތަމަ ދެ އަހަރު ވެގެން ދިޔައީ ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު އަހަރު ތަކަށެވެ. މީގެ މައިގަނޑު ސަބަބަކީ ކުރިން ކުޑަ އަގެއް މަހުފީގެ ގޮތުގައި ދައްކާލައިގެން ޖިމަށް ދާން އާދަވެފައިތިބި، މީހުންނަށް ކުލި ބޮޑުވުމެއްގެ އިހުސާސްވުމެވެ. ނަމަވެސް ހަގީގަތުގައި އަގަށް އައި މި ބަދަލާއެކު ތަނުގެ ފެންވަރާއި ހިދުމަތް ވެސް ހާސްގުނަ ބަދަލު ވެގެން ދިިޔަ ކަމަށް ޒިނާން ބުންޏެވެ.
"މި ތަން ހުޅުވުމާއެކު އިންޓަނޭޝަނަލް ފްރެންޗައިޒް ރެޑިކަލް ފިޓްނަސް ވެސް ގެނައިން. މިއަދާ ހަމައަށް މީގެ 10 ޕްރޮގްރާމް ހިންގަމުން ދޭ. ނަމަވެސް ފުރަތަމަ ވަރަށް ދަތިކޮށް ދިޔައީ ސެންޓަރު މެނޭޖުކުރުމުގައި. ނަމަވެސް ކަސްރަތު ކުރަމުން އައި މީހުން ހޭލުންތެރިވެ، ރަނގަޅުވާން ފަށައިފި،" ޒިނާން ބުންޏެވެ.
މިކަން އެނގެނީ ޓީއެފްޖީ ފުރަތަމަ ފެށިގެން އައި ދުވަސްވަރާ އަޅާބަލާއިރު، މިހާރު މުވައްޒަފުންގެ އަދަދު އިތުރުވެގެން ދިޔަވަރެވެ. ފުރަތަމަ 12 ޓްރެއިނަރުންނާއެކު ފެށި ޓީއެފްޖީ މިއަދު މިވަނީ 30 ޓްރެއިނަރުންނަށް އިތުރުވެފަ އެވެ. އަދި ޓީއެފްޖީގައި ތިބި ހުރިހާ ޓްރެއިނަރުންނަކީ ވެސް ބައިނަލްއަގުވާމީ ތަމްރީން ސެޓްފިކެޓް ލިބިފައިވާ ދިވެހިންނެވެ.
"މިއަދު ކުންފުނީގެ ހުރިހާ ޑިރެކްޓަރުން ވެސް އުފާވޭ. މި ކުންފުނީގެ ބޭނުމަކީ ކަސްރަތުން އުފާވެރިކަން ހޯދައި ދިނުން. މި އަދުގެ ޒިންމާއަކީ ކުންފުނި މެނޭޖުކުރުމާއި ޓްރެއިނިން ދިނުން،" ޒިނާން ވިދާޅުވި އެވެ.
ޒިނާން ފިޓްނަސް ދާއިރާގައި ހޭދަކުރި 21 އަހަރުގެ ތެރޭގައި، ގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފައިވެ އެވެ. ގިނަ އެއްޗިހި ތަކެއް ދަސްކޮށްފައިވެ އެވެ. ނަމަވެސް އޭނާއަށް މި ދާއިރާގައި އެންމެ ބޮޑު ޗެލެންޖަކާ ދިމާވީ މިއުޒިކާ އެެއްވަރަށް ނަށަން ޖެހުން ކަމަށް އޭނާ ފާހަގަ ކުރެ އެވެ.
"ގްރޫޕް ކަސްރަތެއް ކުރިން ނުކުރަން. އަޅުގަނޑަކަށް ވަރަށް ދަތިކަމެއް އެއީ. އަޅުގަނޑަކީ މިއުޒިކް ބީޓް ހުންނަ މީހެއް ނޫން. ނަމަވެސް އާޖެންޓީނާ އިން މިކޮޅަށް އައި ޓްރެއިނަރަކު ޓްރެއިން ނިންމުމަށްފަހު ބުނީ ކަލެއޭ ހުންނަ ޖެހޭނީ ހެޑް-ޓްރެއިނާއަކަށް މި [ޓީއެފްޖީ] ގައި. އަޅުގަނޑު އެ ދުވަހު ހިތަށް އެރި ކިހިނެއްހޭ މިކަން ވާނީ؟ ނަމަވެސް ހިތްވަރު ދުލެއް ނުކުރަން އެކަން ދަސްކުރަން ދުވާލަކު އެއް ގަޑިއިރު ވަރު ތަމްރީން ކުރިން."
"އަޅުގަނޑު ބޭނުންވީ މިކަން އެހެން ލެވަލް އަކަށް ގެންދަން. އެހެންވެ އަޅުގަނޑު ފުރަތަމަ ދިޔައީ ޕެރިހަށް. އެތަނުގައޮތް ޕްރޮގްރާމެއްގައި ބައިވެރިވާން. މި ތަނުގައި މި ހުންނާނީ 12 ބައިސްކަލްގެ ކުލާހެއް، ނަމަވެސް ޕެރިހުގައި ޖެހުނީ 200 ބައިސްކަލްގެ ކުލާހެއް ހުށަހަޅައިދޭން އެފަހަރު ބިރު ވެސް ގަތް. އޭގެ ފަހުން ސިޑްނީ އާއި މެލްބަންގައި ވެސް ޕްރެޒެންޓް ކުރިން. އޭގެ ފަހުން ޖަޕަނީސް ފިއެސްތާގައި 350 ބައިސްކަލްގެ ކުލާހެއް ނަގައިދިނުން. އޭގެ ފަހުން ނިއުޒިލޭންޑާއި ގްރީސްގައި ވެސް ޕްރެޒެންކުރި،" ބައިނަލްއަގުވާމީ ސްޓޭޖްތަކުގައި ޓީއެފްޖީގެ ޓޮޕް-ރައިޑް ޕްރޮގްރާމްގެ ކްލާސްތައް ހިންގަން ލިބުނު ފުރުސަތު އުފަލާއެކު ފާހަގަ ކުރަމުން ޒިނާން ބުންޏެވެ.
ޒިނާންގެ ފިޓްނަސް ލައިފްގައި ފާހަގަ ކުރެވޭ ދުވަސްތަކެއް ވެސް އެބަހުއްޓެވެ. މިގޮތުން 2012 ވަނަ އަހަރު އޭނާއަށް ގައުމީ އިނާމު ލިބުން މިއީ މީގެން އެއް ދުވަހެވެ. މީގެ އިތުރުން ފާހަގަ ކޮށްލެވޭ އަނެއް ދުވަހަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އިމްރާމް މުހައްމަދު އަނިޔާ އިން ރަނގަޅުކޮށްދީ، ދަނޑަށް ނުކުމެވޭ ވަރަށް ފިޓްކޮށް ދިނުމެވެ.
"ސާފް ޗެމްޕިއަންޝިޕްގެ ކުރިން އިމްރާން އަޅުގަނޑު ކައިރިއަށް އައި ދުވަސް އެއީ އެންމެ ބޮޑު ޗެލެންޖު. އެ ރިކަވަރީ ޕީރިއަޑްގައި ކުރި މަސައްކަތަކީ އެންމެ ޕްރެޝަރު ބޮޑު ކަންތައް. މިހެން މި ބުނީ އެއީ ގައުމީ ޓީމްގެ އެއް ނަމްބަރު ގޯލް ކީޕަރަށްވީމަ. އެ ފަހަރު އިމްރާމް ކުޅުނު، ކުޅެ ރާއްޖެއަށް ރަން މެޑަލް ލިބުނު. މީގެ އިތުރުން ހިމެނޭ ދިޓީވީން ހިންގި ހިއްކުމުގެ ޕްރޮގްރާމެއްގައި އަންހެން ބޭފުޅެއް، އޭނާގެ ހަޔާތުގައި ލިބުނު ކުރިއެރުން. އޭގެފަހުން ކީޕަރު އިމްރާން، އެންމެ ފަހުން އިންޖަރީގެ ރިކަވަރީ ވެސް ފާހަގަ ކުރެވޭ،" ޒިނާން ބުންޏެވެ.
ޒިނާން ގަބޫލުކުރާ ގޮތުގައި ފިޓްނަސް ދާއިިރާއަކީ އޮފީސް ވަޒީފާތައް ފަދައިން މުހިންމު ދާއިރާ އެކެވެ. އޮފީހަށް އެންމެ ރީތި ޔުނީފޯމް އަޅައިގެން ދާގޮތަށް އިންސްޓްރަކްޓަރުންވެސް ވަޒީފާއަށް ދަނީ ހަމަ އެންމެ ރީތި ޓީ-ޝާޓް ލައިގެންނެވެ. އެހެންކަމުން މި ދާއިރާއަކީ ޕްރޮފެޝަނަލް މުހިންމު ދާއިރާއެކެވެ.
"އަޅުގަނޑު މި ދާއިރާގައި ބައިވަރު އިމޯޝަނަލް ކަންތައްކާ ދިމާވެއްޖެ. ދިމާވި ހިތުގެ ބަލީގެ މީހަކާ. އޭނާ ކަސްރަތު ކުރަމުން ގޮސް މިހާރު ރަނގަޅު ވެއްޖެ. މިހާރު ބުނެވިދާނެ އެއީ ރާއްޖޭގައި ހުރި އެންމެ ފިޓް މީހާއޭ ވެސް. އެ ފަދަ މީހުން ރިކަވަނީ ވެގެން އައިސް ނުކުމެ، އުޅޭތަން ފެނުމުން ވަރަށް އުފާވޭ."