ވިޔަފާރި

ފެލިވަރަށް 200 މުވައްޒަފުން ހޯދަން މިފްކޯއިން އަތޮޅުތަކަށް

މިފްކޯގެ ދަޅުމަސް ބަންދު ކުރާ ކާރުހާނާ، ފެލިވަރުގެ ވަޒީފާ އަށް ރާއްޖޭގެ އެކި ހިސާބުތަކުން 200 މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

މިފްކޯއިން ބުނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ކޭނަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުމުން ދުވާލަކު 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެކްޓްރީ އަކަށް ބަދަލުވެގެން ދާތީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް ފެކްޓްރީގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުން ހޯދަން އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.

މީގެ ކުރިން އެކުންފުނިން ޕްރޮސެސް ކުރަމުން އައީ ދުވާލަކު 15 ޓަނުގެ މަހެވެ.

މިފްކޯގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުން މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެކުންފުނީގެ ޓީމެއް އަތޮޅުތަކަށް ގޮސް މިފްކޯ އާއި ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދީ ފެކްޓްރީއަށް ބޭނުންވާ ވަޒީފާތަކުގެ މައުލޫމާތު ދީ ޒުވާނުންނަށް ވަގުތުން ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯ އިން މައުލޫމާތު ދެ އެވެ.

އެގޮތުން އިއްޔެ މި ޓީމް ޅ. ނަިއފަރުގައި ހަރަކާތްތެރިވި އިރު މިއަދު ނ. އަތޮޅުގެ ރަށްތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ޓީމްގެ ދަތުރުތައް ދެން ކުރަން ހަމަޖެހިފައިވަނީ ރ. އަތޮޅުގެ ރަށްތަކަށް ކަމަށް މައުލޫމާތު ލިބެ އެވެ.