މުހައްމަދު ނާޒިމް

ނާޒިމުގެ އަމާޒު: ފަގީރުންނާއި މުއްސަދިންގެ ތަފާތު ކުޑަކުރުން

އަމާޒަކީ މުއްސަދިންނާއި ފަގީރުންނާއި ދެމެދު އޮތް ތަފާތު ކުޑަކުރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

"މުއްސަދިން މިއަދު މުއްސަދިވެގެން ގޮސް އަތް ނުފޯރާ ހިސާބުގައި މިތިބީ. ރާއްޖޭގައި އަތުން ގުނާލެވޭ ވަރަށް ވުރެ މަދު މުއްސަދިންކޮޅެއް ތިބެފައި ދެން މިތިބީ ހުސް ފަގީރުން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން މި ތިބީ އަޅުވެތިކޮށްފައި ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުން ގެންގުޅެނީ ދޫންޏަކަށް ކާންދޭ އުސޫލުން ކަމަށް ވިދާޅުވި އެވެ. އޭނާގެ ވެރިކަމުގައި މި އުސޫލަށް ނިމުން ގެންނާނެ ކަމުގައި ވިދާޅުވި އެވެ.

"މި ގެންގުޅޭ ސަގާފަތަކީ ކޮންމެ ފަހަރަކު ކާ އެތިކޮޅު އެއްލާލީމަ އަޅުގަނޑުމެން ގަންނަ އުސޫލު. ދޫންޏެކޭ އެއްގޮތް އަޅުގަނޑުމެން މި ގެންގުޅޭ އުސޫލު. ދޫންޏެކޭ ތަފާތެއް ނެތް މިއަދަކު. އެ ގޮތަކަށް ނުގެންގުޅެވޭނެ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ވަޒީފާތައް ދިނުމުގައިވެސް މިއަދު އެއްވެސް ހަމައެއް ލަމައެއް ނެތް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ޒުވާން ޖީލެއް ހަލާކުކޮށްލަމުންދާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"ޒުވާނުންނަށް ދަންނަވާނީ ވަޒީފާގައި ތިބެށޭ. އަޅުގަނޑުމެންގެ އިރުގައިވެސް ތިވަޒީފާގައި ބައިތިއްބާނަމޭ. ތިމުސާރަވެސް ދޭނަން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ތިއަށްވުރެ ރަނގަޅު ވަޒީފާއަކަށް ބަދަލުކޮށް ތިއަށްވުރެ ރަނގަޅު މުސާރައެެއް ދޭނަމޭ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މޫނު ބުރުގާ އަޅާ ކޮންމެ މީހަކީ އަދި ތުނބުޅި ހުންނަ ކޮންމެ މީހަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ. އެހެންނަމަވެސް މޫނު ބުގުރާ އަޅާ އަންހެނުންނަކީ ޓެރަރިސްޓުން ކަމަށް ރާއްޖޭގައި މިހާރު ބައެއް މީހުން ސިފަ ކުރަމުންދާ ކަމަށެވެ.

"ނިގާބް އެޅުމާއި އެކުގައި ކުއްލި ސިހުމެއް މީހުންނަށް މި އަންނަނީ، އެގޮތަށް މިގަބޫލު ކުރުވަނީ މީހުން ލައްވާ، އެ ޓެރަރިސްޓުންގެ ގޮތުގައި ގަބޫލުކުރުވަނީ" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ ކުދިންނަށާއި ކިޔަވަ ދޭންދާ މުވައްޒަފުންނަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމުގައި ސަރުކާރުގެ ވަޒީފާތަކުގައި އާއި ސްކޫލްތަކުގައި އާއި އެހެން ތަންތަނުގައިވެސް އެއްވެސް ތަފާތެއް ނެތި މިފަދަ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.