ރިޔާސީ އިންތިހާބު 2023

ބައެއް ކެންޑިޑޭޓުން ވައުދުވަނީ މިސަރުކާރުން ކުރާ ކަންކަން ކުރަން: ރައީސް

ބައެއް ކެންޑިޑޭޓުންގެ މެނިފެސްޓޯގައި މިހާރުވެސް ހިމަނާފައިވާ ބައެއް ކަންކަމަކީ މި ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަންތައްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ކެމްޕޭންގައި ށ. މާއުނގޫދޫއަށް މިއަދު ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ނިންމާފައިވާ ބައެއް ކެންޑިޑޭޓުން ރަށްރަށަށް ގޮސް ވާ ވައުދު ތަކާއި މެނިފެސްތޯތަކުގައި އިއުލާންކޮށްފައިވާ ބައެއް ކަންކަމަކީ މިހާރުވެސް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ ކޮންމެވެސް އެއް ރަށަކަށް ގޮސް އެ ރަށުގައި 1،200 މީޓަރުގެ އެއާޕޯޓެއް އަޅައިދިިނުމަށް ކެންޑިޑޭޓަކު ވައުދުވިއިރު މިހާރުގެ ސަރުކާރުން އެ ރަށުގައި 1،500 މީޓަރުގެ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ އެނބުރި 1،200 މީޓަރުގެ އެއާޕޯޓަކަށް ދާންތޯ މިހާރު ފަށާފައި މި އޮތް 1،500 މީޓަރުގެ އެއާޕޯޓަކަށް ދާންތޯ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ކެންޑިޑޭޓުންގެ މެނިފެސްޓޯ އިއުލާންކުރި އިރު، އެސްއެމްއީ ލޯން މޯގޭޖެއް ނެތި ދޫކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ މިހާރުވެސް ސަރުކާރުން ކުރަމުންދާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މާ މޮޅު ޕްލޭނަކަށް ހަދާފައި ނިކުމެވަޑައިން މިވިދާޅުވަނީ ތިމަންނަމެންގެ ވެރިކަމުގައި ވޯޓު ދޭށޭ. ތިމަންނަމެންގެ ވެރިކަމުގައި މިކަން ކޮށްދޭނަމޭ. މިއީ މިހާރު ހިނގަހިނގާ ހުރި ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ވޯޓުލާއިރު، އެނބުރި އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ ނުވަތަ މިއަދު މި ފެންނަ ތަރައްގީ އާއި އެކު ކުރިއަށް ދާނީތޯ ވިސްނަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންނަށް ރައީސް ސޯލިހު ވި ވައުދުތަކުގެ ބޮޑުބައި ނިމި ރައްޔިތުން ރައީސް އާއި ހަވާލުކުރެއްވި މަސައްކަތް ކޮށްދިނުމުގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގެ އިހުސާސް ކޮންމެ ރަށަކުން ފެނިގެންދާ ކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހިސާބަށް މިކަން ގެނެވުނީ އަޅުގަނޑާއި އެކީގައި އޮތް ހީވާގި މުރާލި ކެރޭ ޓީމުގެ މަސައްކަތުން." ރައީސް ވިދާޅުވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށްދީފައި ނުވި ނަމަވެސް ރާއްޖޭގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އެތައް ކަމެއް މިހާރުވެސް ރައްޔިތުންނަށް ކޮށްދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.