އެންގޭޖުވިތާ 19 އަހަރު ފަހުން މެލޭޝިއާގެ އެކްޓްރެސް މިޝޭލް ޔޯ، 60، ކައިވެނިކޮށްފި އެވެ.
މިޝޭލް ކައިވެނި ކުރީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ އަދި ފަރަންސޭސިވިލާތުގެ ވިޔަފާރިވެރިޔާ ޖޯން ޓޮޑް، 77 އާ އެވެ.
މިކައިވެނި ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
މިޝޭލް މި ހަބަރު އިއުލާންކޮށްފައިވަނީ އިންސްތަގްރާމްގައި ދެ ފޮޓޯއަކާ އެކު ކުރި ޕޯސްޓެއް ގައެވެ. ޕޯސްޓްގައިވާ އެއް ފޮޓޯގައި ފެންނަނީ ދެމަފިރިން ކައިވެނީގެ އަގޮޓި އަޅާ ތަނެވެ.
މިޝޭލް އާއި ޖޯންގެ ކައިވެނީގެ ހަފްލާ އޮތީ ސްވިޓްޒަލޭންޑްގެ ޖެނީވާ ގައެވެ. މި ހަފްލާއަށް ދައުވަތު ދީފައިވަނީ އާއިލާ އަށާއި ގާތް ރަހްމަތްތެރިންނަށެވެ.
މި ދެ ލޯބިވެރިން ފުރަތަމަ ދިމާވެފައިވަނީ ޖޫން 4، 2004 ގައި ޗައިނާގެ ޝެންގްހާއި އިންނެވެ. ޖޯން، މިޝޭލް ގާތު ކައިވެނިކުރަން އެހީ ޖުލައި 26، 2004 ގައެވެ. އެހެންކަމުން މި ދެ ލޯބިވެރިން ކައިވެނި ކުރީ ޖޯން މިޝޭލް ގާތު ކައިވެނި ކުރަން އަހާ، މިޝޭލް އާނއެކޭ ބުނިތާ 6،992 ދުވަސް ފަހުންނެވެ.
ބެސްޓް އެކްޓްރެސް ކެޓަގަރީން "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" ގައި އަދާކުރި ރޯލަށް އެކަޑަމީ އެވޯޑް ލިބުނު ފުރަތަމަ އޭޝިއާގެ އެކްޓްރެސް މިޝޭލް ހޮލީވުޑަށް އައީ ޖޭމްސް ބޮންޑް ފިލްމް "ޓުމޯރޯ ނެވާ ޑައިޒް" އިންނެވެ.
އޭގެ ފަހުން މިޝޭލް ވަނީ "ކްރައުޗިން ޓައިގާ، ހިޑްން ޑްރޭގަން"، "މެމުއާސް އޮފް އަ ގޭޝާ"، "ދަ މަމީ: ޓޫމްބް އޮފް ދަ ޑްރޭގަން އެމްޕަރާ"، "ކްރޭޒީ ރިޗް އޭޝިއަންސް"، "ޝެންގްޗީ، އެންޑް ދަ ލެޖެންޑް އޮފް ޓެން ރިންގްސް" ފަދަ ފާހަގަކޮށްލެވޭ ފިލްމުތައް ކުޅެފައިވެ އެވެ.
ޖޯން ދުނިޔެއަށް މަޝްހޫރުވީ ވޯލްޑް ރެލީ ޗެމްޕިއަންޝިޕްގެ ކޯ ޑްރައިވަރެއްގެ ގޮތުގައެވެ. ޖޯންގެ ފާހަގަކޮށްލެވޭ މަގާމުތަކުގެ ތެރޭގައި ފެރާރީ ކުންފުނީގެ ކުރީގެ ހެޑްކަމާއި ފޯމިއުލާ 1ގެ ގަވާނިން ބޮޑީގެ ރައީސްކަން ހިމެނެ އެވެ. ޖޯން މިހާރު އަދާކުރަނީ ޔޫއެން ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި ޓު ރޯޑް ސޭފްޓީ މަގާމެވެ.