ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެން މަޝްވަރާކުރިކަން ހާމަވެއްޖެ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ -- ޕީއެންސީ އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކޮށްފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމިންގެ ކެމްޕޭން އެޖެންޓް މުހައްމަދު ތޮލާލް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.

ތޮލާލް ވިދާޅުވީ ޕީޕީއެމް ޕީއެންސީ ލީޑަޝިޕްގައި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާކުރި ކަމަށެވެ. ނަމަވެސް ކެންޑިޑޭޓަކާ މެދު ގޮތެއް ނިމިފައި ނުވާ ކަމަށެވެ. އަދި ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިހްތިޔާރު ކޯލިޝަންގެ ލީޑަރު -- ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީގެ ލީޑަރަކީ ރައީސް ޔާމީން. މި ދެ ޕާޓީގެވެސް މުހިއްމު ނިންމުންތައް ނިންމުމުގައި ލީޑަޝިޕް އިން ޕީޕީއެމް ޕީއެންސީ ލީޑަރުގެ ލަފަޔާ މަޝްވަރާ ހޯދާނެ،" ތޮލާލް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ -- ޕީއެންސީ އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކުރިކަން ހާމަވެފައި މިވަނީ ރައީސް ޔާމީން ނޫން ކެންޑިޑޭޓަކު ޕީޕީއެމް އާއި ޕީއެންސީ އިން އިންތިހާބަށް ނުނެރޭނެ ކަމަށް އެ ދެ ޕާޓީގެ އިސްވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ރައީސް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ދަށު ކޯޓުގެ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރަނީސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.