ރިޔާސީ އިންތިހާބު 2023

"ކުރީގެ ސަރުކާރުތަކުގެ ވިސްނުން ހުރީ ހަމައެކަނި ވޯޓު ހޯދަން: ރައީސް

މީގެ ކުރީގެ ސަރުކާރުތަކުގެ ވިސްނުން ހުންނަނީ ހަމަ އެކަނި ކުރިއަށް އޮތް ފަސް އަހަރުގެ އިންތިހާބަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. ފީވަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ފީވަށް ކަހަލަ ކުދި ރަށް ތަކަށް އަޅާނުލާ ދޫކޮށްލަނީ އޭރުގެ ވެރިންގެ ވިސްނުން ހަމައެކަނި ވޯޓަށް ހުންނާތީ ކަމަށެވެ. ބޮޑެތި އާބާދީތަކަށް އަމާޒުކޮށް ރާއްޖޭގައި ކަންތައްތަކެއް ކުރެވިފައި ހުރީ އެ ސަބަބާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮށްދޭނެ ކަމަށް ބުނާ ކަންތައްތައް ބައެއް ފަހަރު ރިޔާސީ އިންތިހާބާއި ގުޅިގެން މި ކަހަލަ ޕޯޑިއަމް ތަކުގައި އެ ބޭފުޅުން ވިދާޅުވާނެ. އެހެންނަމަވެސް ހޮވުމަށް ފަހުގައި އެ ހަނދާން ނެތިގެންދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިވެރިކަމުގައި އެންމެ ބޮޑު އަމާޒަކަށް ހެދީ ވަކި ރަށެެއް ވަކި ބައެއް ބެލުމެއް ނެތި ހުރިހާ ރަށަކަށްވެސް ރައްޔިތުން ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2008 އިން 2011 އަށް ފީވަކަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފީވަކުގައި ކުރިއަށް ގެންގޮސްފައިވަނީ އެންމެ ތިން މަޝްރޫއު ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުން ފީވަކުގައި 13 މަޝްރޫއެއް ކުރިއަށް ގެންދާ ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ހަމައެކަނި އަސާސީ ނުވަތަ އުމްރާނީ ތަރައްގީއަށް ކުރި ކަމެއް ނޫން ކަމަށެވެ. އެމަޝްރޫއުތަކާ އެކު އިގްތިސާދު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި އިތުރު ބާރެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

"އާރްޓީއެލް ފެރީގެ ހިދުމަތްވެސް މުޅި މި ހިސާބަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ފީވަކުގައި މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް މިހާރު އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެރަށުގައި އަޅާ ޒުވާނުންގެ މަރުކަޒު ނިމިގެންދާއިރު ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމުގައި ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވިއްޖެނަމަ ފީވަކުގެ ބޮޑެތި މަގުތައް ހަދައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އަދި ވީކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދީ، ޒުވާނުންނަށްޓަކައި ޖިމަކާއި ވޮލީ ކޯޓެއް ހަދައިދީ ސްކޫލަށް ބޭނުންވާ ކަންކަން ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކުލާސްރޫމް އެބަ ބޭނުންވޭ. މަލްޓިޕާޕަސް ހޯލް އެބަ ބޭނުންވޭ. އަދި އޮފީސްވެސް ބޭނުންވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި ސްކޫލަށް ބޭނުންވާ ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.