ނަރުދޫ

ނަރުދޫގެ ހުރިހާ ކައުންސިލަރުން އެމްޑީޕީއަށް

ށ. ނަރުދޫ ކައުންސިލްގެ ހަތަރު މެންބަރަކު އެމްޑީޕީއަށް މިއަދު ސޮއިކުރެއްވުމާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބިއްޖެ އެވެ.

ކައުންސިލަރުން އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނަރުދޫއަށް ކުރެއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނުގެ ހާޒިރު ގައެވެ. ކައުންސިލަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީވެސް ރައީސް ސޯލިހެވެ.

ނަރުދޫ ކައުންސިލްގައި ތިއްބެވި ފަސް ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުން ކުރިން ނިސްބަތްވީ ޖުމްހޫރީ ޕާޓީ އަށެވެ. ބާކީ ހުންނެވި ކައުންސިލަރު -- އައިޝަތު މަޒާ އަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ.

އެމްޑީޕީއަށް މިއަދު ސޮއިކުރެއްވި ކައުންސިލަރުންނަކީ ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދާއި ނައިބް ރައީސް އަލީ ޝަރީފާއި ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު މަދީހް އާއި ސާމާ މުހައްމަދެވެ.

މީގެއިތުރުން ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީގެ މެންބަރަކާއި ނަރުދޫގެ ކުރީގެ ކައުންސިލަރަކާއި ޕީޕީއެމްގެ އިސް އެކްޓިވިސްޓަކު ވެސް އެމްޑީޕީއަށް މިއަދު ސޮއިކުރައްވާފައިވެ އެވެ.