ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި ޖެއްސީ އިޓަލީގެ އަސްކަރީ ހަތަރު ޖެޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ޖެއްސީ އިޓަލީގެ އިޓަލީގެ އަސްކަރީ ޖެޓްތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އިޓަލީގެ ޖެޓްތައް ވީއައިއޭގައި ޖެއްސީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

މިޖެޓްތައް ޖައްސަން އައި ވަގުތު ބައެއް މީހުން ވީޑިއޯކޮށް އެއީ ކޮން ބައެއްގެ ޖެޓްތަކެއްކަން ނޭނގިގެން ސޯޝަލްމީޑިއާގައި އެ ވާހަކަތައް ދައްކާފައިވެ އެވެ.

އިޓަލީގެ ޖެޓްތައް ރާއްޖެއަށް ޖެއްސީ ކޮން ބޭނުމަކު ކަމެއް ކަމާ ގުޅޭ އިދާރާތަކަކުން ނުބުނެ އެވެ.

ވީއައިއޭއަށް މިއަދު މެންދުރުކުރީގައި ވަނީ އަސްކަރީ ހަތަރު ޖެޓާއި ދެ ސާވައިލަންސް މަތިންދާބޯޓް ޖައްސާފަ އެވެ. ނަމަވެސް މިހާރު އެ ޖެޓްތައް ވަނީ ފުރައިގެން ގޮސްފަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އިޓަލީގެ މިއުޅަނދު ތަކަކީ ސިންގަޕޫރުގެ އަސްކަރިއްޔާ އިން އިންތިޒާމު ކުރާ ވައިގެ އުޅަނދުތަކުގެ ޝޯއެއްގައި ބައިވެރިވުމަށް ސިންގަޕޫރަށް ދިޔަ މަގުމަތީގައި ރާއްޖޭގައި މަޑުކޮށްލި އުޅަނދުތަކެކެވެ.