ކަރަންޓް އަގު ހެޔޮ ކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
މިނިސްޓަރު ތޯރިގް އިބްރާހިމް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފެބުރުއަރީ 1 އިން ފެށިގެން ކަރަންޓް ބިލުން ނަގަން ހަމަޖެއްސި އާ ޗާޖްތަކުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮ ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ ތެލުގެ އަގު ހެޔޮވަމުން އަންނާތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަލަށް ގެނައި ބަދަލުތަކަކީ ކޮބައިކަމެއް ނޭނގެ އެވެ.
މިނިސްޓްރީ އިން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި އެ ބަދަލުތައް އާންމު ކުރާނެ ކަމަށެވެ. ދުނިޔޭގެ މާކެޓްގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން، ރާއްޖޭގައި ވެސް ދެ ފަހަރެއްގެ މަތިން ތެލުގެ އަގުތައް ވަނީ ހެޔޮ ވެސް ކޮށްފަ އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިނިސްޓްރީން ކަރަންޓްގެ އަގަށް ނަގަން ގެންނަ ނިންމި ބަދަލަކީ ސަބްސިޑީ ކަނޑާލައި، 400 އަށްވުރެ ދަށުގެ ޔުނިޓަކަށް ނަގާ އަދަދު ކުރިއަށް ވުރެ ވަރަށް ބޮޑުތަން ހެޔޮ ކުރުމެވެ. އެގޮތުން މަހެއްގެ މައްޗަށް 400 ޔުނިޓަށް ވުރެ ކުޑަކޮށް ބޭނުން ކުރާ ގޭބިސީތަކަށް ޗާޖް ކުރާނީ އަގު ކުރިން އަގު ކުރަމުން އައި ރޭޓަށްވުރެ ކުޑަކޮށެވެ. ހަތަރުސްތޭކަ ޔުނިޓަށް ވުރެ އިތުރަށް ހަރަދު ކުރާ ނަމަ، ޔުނިޓަކުން ޖާޗްކުރާ އަގު ބޮޑުވާނެ އެވެ.
މާލޭގައި ފިއުލްސާޗާޖްގެ ގޮތުގައި 400 ޔުނިޓުން ދަށަށް، ޑީސަލް ލީޓަރެއްގެ 10 ރުފިޔާއަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި ޗާޖް ކުރެވޭނެ އެވެ. އަދި 400 ޔުނިޓަށް ވުރެ މައްޗަށް، ޑީސަލް ލީޓަރެއްގެ އަގު އަށް ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި ޗާޖް ކުރަން ވަނީ ނިންމައިފަ އެވެ.
މި ބަދަލާ އެކު ބިލްގެ ޖުމްލަ އަގު ބޮޑު ވާނަމަ ބޮޑު ވާނީ ޖުމްލަ އަގަށް ވުރެ، 135 ރުފިޔާ އާއި 80 ރުފިޔާއާ ދެމެދަށް ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަތޮޅުތަކުގެ ހުރިހ ރަށެއްގައި ކަރަންޓްގެ އަގު ހެޔޮ ވަނީ އެއްވަރު ކޮށްފަ އެވެ.