ފުވައްމުލައް

ފުވައްމުލަކު ޑައިވް ސްޕޮޓްތަކުން ފީ ނެގުން ފަސްކޮށްފި

ފުވައްމުލަކުގެ ޑައިވިން ސްޕޮޓްތަކުގައި ޑައިވްކުރާ މީހުންގެ އަތުން ފީއެއް ނެގުމަށް އެކުލަވާލި ގަވައިދަށް އަމަލުކުރުން ފަސްކޮށްފި އެވެ.

ގަވައިދަށް އަމަލުކުރުން ފަސްކޮށްފައި މިވަނީ ފުވައްމުލަކުގައި ޑައިވަރުން ގޮތުގައި މަސައްކަތް ކުރާ މީހުން އެރަށު ސިޓީ ކައުންސިލަށް ގޮސް ފީ ނެގުމާ ދެކޮޅަށް އިހްތިޖާޖުކޮށްފައި ވަނިކޮށެވެ.

ފީ ނެގުމުގެ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ޔަގީންކޮށްދެ އެވެ. ނަމަވެސް ފަސްކުރި ވަކި ސަބަބެއް ނުބުނެ އެވެ.

ގަވައިދަށް އަމަލުކުރުން ފަސްކޮށްފައި މިވަނީ މިއަދު ގަވައިދަށް އަމަލުކުރަން ކުރިން ނިންމާފައި ވަނިކޮށް ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ޑައިވަރުން ހިތްހަމަނުޖެހުނީ "ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު" ގެޒެޓްކޮށް ފީގަން ނިންމިއިރު ފުވައްމުލަކު ސިޓީ ކައުންސިލް ކުރަންޖެހޭ އެންމެ އަސާސީ ކަންކަންވެސް ނުކޮށް ފީ ނެގުން އަވަސްކުރުމަކީ ބޮޑު ބޭއިންސާފަކަށް ވާތީ އެވެ.

ގަވައިދުގައިވާ ގޮތުން ފީ ނެގުމަށްފަހު ފީނަން ދެނީ 15 ދުވަހުގެ ހުއްދަ އެކެވެ. ފީ ނަގަން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދިވެހިންނަށާއި ރާއްޖޭގެ ވޯކް ވިސާ އޮންނަ މީހުންނަށާއި ސްޓޫޑެންޓް ވިސާ އޮތް މީހުންނަށް ބޮލަކަށް 200 ޑޮލަރާއި ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ މީހުންގެ ތެރެއިން މީހަކަށް 20 ޑޮލަރު އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ މީހުންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދާ ބިދޭސީންނަށް ބޮލަކަށް 200 ޑޮލަރާއި، ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ ބިދޭސީންގެ ތެރެއިން މީހަކަށް 20 ޑޮލަރުާއި އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ ބިދޭސީންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.