ފިނިޕޭޖް

ޕޯލް ރޫބަންސް އުމުރުން 70 އަހަރުގައި މަރުވެއްޖެ

އެކްޓަރު، ކޮމެޑިއަން އަދި ލިޔުންތެރިޔާ ޕޯލް ރޫބަންސް އުމުރުން 70 އަހަރުގައި މަރުވެއްޖެއެވެ.

ޕޯލްގެ އިސްޓޭޓް އިން ނެރުނު ބަޔާނުގައި ބުނީ ޕޯލް މަރުވެފައިވަނީ ހިތްވަރާއެކު ކެންސަރު ބައްޔާ ހަ އަހަރު ވަންދެން ހަނގުރާމަ ކުރުމަށްފަހު ކަމަށެވެ.

ޕޯލްގެ މަރަށްފަހު އޭނާގެ އިންސްތަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ބަލީގެ ހަބަރު އާންމުކުރަން ބޭނުންނުވި ކަމަށާއި އެކަމަށް މާފަށް އެދިފަ އެވެ.

މިހަބަރާ ގުޅިގެން ހޮލީވުޑްގެ ޑައިރެކްޓަރުން ކަމަށްވާ ޓިމް ބާޓަން، ޕޯލް ފޭގް އާއި އެޑަމް ޝޭންކްމެން ވަނީ ތައުޒިޔާ ކިޔާފަ އެވެ. މީގެ އިތުރުން ނަތާޝާ ލިއޯން، ޖިމީ ކިމެލް، ކޮނަން އޯ ބްރާޔަން ފަދަ އެތައް ތަރިންނެއް ވެސް ވަނީ ޕޯލްގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެ ވެ. އަދި ޕޯލް އަކީ "ކޮމިކް ޖީނިއަސް" އެއް ކަމަށް ބުނެފައިވެ އެވެ.

ޓިމް ވަނީ ޕޯލްއާ އެކު 1985ގައި "ޕީވީސް ބިގް އެޑްވެންޗާ" ޑައިރެކްޓްކޮށްފަ އެވެ.

ނިއު ޔޯކްގެ ޕިކްސްކިލް އަށް ޕޯލް ރޫބަންފީލްގެ ގޮތުގައި އުފަން ޕޯލް މަޝްހޫރުވެފައިވަނީ 1981 ގައި ފެށި "ޕީ ވޯ ހާމަން" ކެރެކްޓާއިންނެވެ. މިއީ ކުޑަ ކުއްޖެއް ފާޑަށް މަޖާކޮށް އުޅޭ ބޮޑު މީހެއްގެ ކެރެކްޓާ އެވެ.

މި ކެރެކްޓާގެ ގޮތުގައި ތިއެޓާ ޝޯ އަކުން ފަށާ، ޓީވީ ޝޯ އާއި ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. 1986 އިން 1991 "ޕީވީސް ޕްލޭހައުސް" އަށް 22 އެމީ އެވޯޑް ލިބިފައިވީއިރު، ޕޯލް އަށް 14 ނޮމިނޭޝަން ލިބި ދެ އެވޯޑް ލިބިފައިވެ އެވެ. އަދި 2010 ގައި ބްރޯޑްވޭ ޝޯއެއްވެސް ބާއްވާފައިވެ އެވެ.

ޕޯލް އަށް ކުރި ދެ ޖިންސީ ދައުވާގެ ސަބަބުން ޕޯލްގެ މަގުބޫލުކަން ވެސް އެއް ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ޕޯލް ބުނީ އޭނާ އަށް ކޮށްފައިވާ ދެވަނަ ދައުވާ އަކީ ތެދެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޕޯލް "އެވްރިބަޑީ ލަވްސް ރޭމަންޑް"، "ޕުޝިން ޑެއިޒީޒް"، "30 ރޮކް"، "ބްލެކްލިސްޓް"، "ޕޯޓްލޭންޑިއާ"، "ގޮތަމް" އަދި "ރީނޯ 911" ފަދަ ސީރީޒްތަކަށް ގެސްޓް އެޕިއަރަންސް ހަދާފައިވެ އެވެ.