ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް

ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިއަދު ހެނދުނު އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާ ފޯމު ހަވާލުކޮށްދެއްވީ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް އެވެ.

ޕީޕީއެމްގެ އޮފިޝަލަކު މީގެއިރުކޮޅެއް ކުރިން އަވަސްއަށް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ހަމަނުވާ ކަމަށް ނިންމާ، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔުން ލިބިފައިވާ ކަަމަށްވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބުނީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން މިއަދު ޕީޕީއެމްއަށް އަންގާފައިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގެންފިނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ގާނޫނީ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.