ފިނިޕޭޖް

ނެޓްފްލިކްސްގެ "ވަން ޕީސް"އަށް ލައިވް އެކްޝަން ސީރީޒްއެއް

ޖަޕާންގެ އައިޗީރޯ އޯޑާ އުފެއްދި މަންގާ ސީރީޒާއި އެއަށް ބިނާކޮށް ހަދާފައިވާ އެނީމޭ ސީރީޒް "ވަން ޕީސް" އަކީ ވަރަށް މަގުބޫލު ސީރީޒެކެވެ.

އެހެން ކަމުން ނެޓްފްލިކްސް އިން "ވަން ޕީސް" އަށް ފުރަތަމަ ލައިވް އެކްޝަން ސީރީޒެއް ހަދައި މި މަހު 31 ގައި ނެރޭއިރު، މި ސީރީޒްގެ ޓްރޭލާ މިހާރު ވަނީ ނެރެފަ އެވެ.

މި ސީރީޒް އުފައްދާފައިވަނީ މެޓް އޯވަންސް އާއި ސްޓީވަން މައެޑާ އެވެ. އަދި އެގްޒަކަޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި އައިޗީރޯ އޯޑާ ހިމެނެ އެވެ.

މި ސީރީޒްގައި ފެނިގެންދާނީ މަންކީ ޑީ ލަފީގެ ސްޓްރޯ ހެޓް ޕައިރެޓްސްގެ ކަނޑުމަތީގެ އެޑްވެންޗާތަކެކެވެ.

"ޑެވިލް ފްރުޓް" ކެއުމުގެ ސަބަބުން މަންކީގެ ގުނަވަންތަކަށް ވަނީ ރަބަރު ޒާތުގެ ބާރު ލިބިފަ އެވެ. މަންކީގެ އަޒުމަކީ އީސްޓް ބްލޫ ދޫކޮށް، އޭނާގެ "ކްރޫ"އާ އެކު ދަތުރުކޮށް، "ވަން ޕީސް" ކިޔާ ހަޒާނާއެއް ހޯދައި، ޕައިރެޓުންގެ ރަސްގެފާނަށް ވުމެވެ.

މި ސީރީޒްގައި މަންކީގެ ރޯލް އަދާކުރަނީ އިންޔާކީ ގޮޑޯއި އެވެ. މީގެ އިތުރުން މައި ރޯލުތައް ކަމުގައިވާ ރޮރޮނޯއާ ޒޯރޯގެ ރޯލަށް މެކެންޔޫ އަރާޓާ، ނާމީގެ ރޯލަށް އެމިލީ ރަޑް އަދި ޓާންޖީއަށް ޓަޒް ސްކައިލާ ހިމެނެ އެވެ.

މި ސީރީޒް ޝޫޓްކޮށްފައިވަނީ ސައުތް އެފްރިކާގެ ކޭޕް ޓައުންގަ އެވެ. ލަފާކުރެވޭ ގޮތުގައި "ވަން ޕީސް"ގެ ފުރަތަމަ ސީޒަންގައި ނެރޭނީ 10 އެޕިސޯޑެވެ.