ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ދަ ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.
ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންނާނެ ބަދަލުތަކުގެ ސިޔާސަތުތައް އެޕާޓީން އާންމުކޮށްފައިވާއިރު މަޖިލީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވީ އެއީ މިހާރުވެސް ހުށަހެޅޭނެ އިސްލާހުތަކެއް ކަމަށް ގަބޫލުކުރާތީ އެ އިސްލާހުތައް ހުށަހެޅީ ކަމަށެވެ.
"މިކަމަކީ ސަރުކާރެއްގައި އަޅުގަނޑުމެން ނެތަސް. އަޅުގަނޑަށް މިވަގުތު ކުރެވޭނެ ކަމެއް ކަމަށް ދެކޭތީ އަޅުގަނޑު ނިންމީ މިވަގުތު ގާނޫނު އަސާސީއަށް ގެންނަ މި ބަދަލުގެ ބިލު މަޖިލީހަށް ހުށަހަޅަން،" އިލްޔާސް ވިދާޅުވި އެވެ.
އިސްލާހަށް ތާއީދު ހޯދުމަށް އެހެން ޕާޓީތަކާއި މެންބަރުންނާއެކު މަސައްކަތްކުރާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އިސްލާހުގެ އެއް ބޭނުމަކީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިޔުން ހުއްޓުވުމެވެ.
މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު ގާނޫނު އަސާސީ މިހާރު އޮތް ގޮތުން އަންނަ ދައުރުގައި މަޖިލީހަށް އިތުރު ހަ މެންބަރުން އިތުރުވާކަން އިލްޔާސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ހުށަހަޅާ ގޮތަކީ 76 އަކަށް ހިފެހެއްޓުން. 76 އަކަށް އަންނައިރު އަތޮޅުތަކުން މާލެއާ ލައިގެން 55 މެންބަރުން މަޖިލީހަށް އިންތިހާބުކުރާ ގޮތަށް އަޅުގަނޑުމެން މި ހުށަހަޅަނީ،" އިލްޔާސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ އުތުރާއި ހުޅަނގާއި މެދު އަދި ދެކުނުން ކޮންމެ ސަރަހައްދަކުން އަންހެނުންނަށް ދެ ގޮނޑި ހާއްސަ ކުރުމަށް ނިންމާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް މުޅި ރާއްޖެއިން ދެ ގޮނޑި ކަނޑައެޅުމަށް ވަނީ ހުށަހަޅާފަ އެވެ.
ޑިމޮކްރެޓުން މަޖިލީހަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް ނެޝަނަލް ލިސްޓުގައި 11 ގޮނޑި ކަނޑައެޅުން ހިމެނެ އެވެ.
މަޖިލީހަށް ގެންނަ އިސްލާހުތަކަކީ ބަރުލަމާނީ ނިޒާމާ ގުޅޭ އިސްލާހެއް ނޫން ކަމަށް އިލްޔާސް ވިދާޅުވި އެވެ.