ދަ ޑިމޮކްރެޓްސް

މިއީ ނިޒާމީ ވޯޓަށް އަހަންވީ ވަގުތު: ޑިމޮކްރެޓްސް

މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންވީ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ނިޒާމާމެދު ސިޔާސީ ޕާޓީތަކުން ގޮތެއް ނިންމުމުގެ ބަދަލުގައި ނިޒާމާމެދު ރައްޔިތުން ދެކޭ ގޮތް ސާފުކުރަންޖެހޭ ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ކޮންމެ ރިޔާސީ އިންތިހާބެއްގައި ބޭއްވުނީ އެއިރެއްގައި އޮންނަ ވެރިކަން ބަދަލުކުރުމަށް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވާއިރު ސިޔާސީ ގޮތުން ބަޔަކު ތިބެނީ ބަންދުގައި ކަމަށާއި އެބޭފުޅުން މިނިވަންކުރުމަށް އެ ބޭފުޅުންގެ ޕާޓީތަކުންނާއި ސަޕޯޓަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިންތިހާބުގައި ވޯޓަކަށް އަންނައިރު ރައްޔިތުން ބޭނުންވާ ކަންކަމަށް ވޯޓުލުމުގެ ބަދަލުގައި ބޮޑަށް ފާހަގަކުރެވެނީ އެހެން މަގުސަދެއްގައި ހާސިލުކުރުމަށް ވޯޓަށް ދެވޭތަން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވަނީ ރިޔާސީ އިންތިހާބު އެއް ޕާޓީއަށް އެއް ބުރުން މިހާތަނަށް ކާމިޔާބު ނުކުރެވޭކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަނެއްކާވެސް ރައްޔިތުން އަރިހުން އަޅުގަނޑުމެން ސާފުކުރަންވީ ވަގުތު ރައްޔިތުން މި ނިޒާމާދޭތެރޭ ދެކެނީ ކިހިނެތްތޯ. އަޅުގަނޑުމެން އެކިއެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން މި ކަމަށް ވަކި ގޮތެއް ނުނިންމަވާ ރައްޔިތުން ކައިރިން އަހާލަން އެބަޖެހޭ ރައްޔިތުން ދެކިވަޑައިގަންނަވާ ގޮތުގައި މި ނިޒާމު ރަނގަޅުތޯ ނޫންތޯ،" އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމަކަށް އަމަލުކުރަމުންދިޔަ ނަމަވެސް މަޖިލީހުގެ ބައެއް މަސައްކަތްތައް ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ.

މަޖިލީހުގައި މެންބަރުން ތަމްސީލުކުރާ ނިސްބަތުން ކޮމިޓީތަކަށް ބަދަލު ގެނައުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ސަރުކާރަުގެ މަސްއޫލިއްޔާތު ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ދޭން ޖެހޭނީ ސަރުކާރަސް ނިސްބަތްނުވާ ޕާޓީގެ މެންބަރަކަށް ކަމަށް ހަސަން އަފީފު ވިދާޅުވި އެވެ.