ހައިކޯޓް

މަފާޒު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު މަފާޒު ހުސައިން ސަލީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ މަފާޒަކީ ކުށުގެ ރެކޯޑު އޮތް މީހަކަށް ވެފައި، އެ ހަގީގަތް ސާފުކުރުމެއް ނެތި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އެހެންވެ މަފާޒު މިނިވަންކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް އޭނާ ބަންދުކުރަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ދަށު ކޯޓުން މަފާޒް ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ދައުލަތުގެ ފަރާތުންނެވެ. އެއީ ނަދީމުގެ މަރުގެ މައްސަލައިގައި މަފާޒު ހައްޔަރުކޮށްފައި ހުއްޓާ ހެކި ލިބިފައި ނުވާ ކަމަަށް ބުނެ އޭނާ މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މަފާޒު ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން އެދިފައި ވަނިކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުން ވަނީ އޭނާގެ ކުށުގެ ރެކޯޑާއި، މުޖުތަމައުގައި އަދާކުރާ ދައުރަށް ބަލާއިރު، އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން އެނގެން އޮންނަކަމަށް ފާހަގަކުރައްވާފަ އެވެ.

ނަދީމްގެ މަރުގެ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައެޅި ތާރީޚުން ފެށިގެން މިހާތަނަށް މަފާޒްގެ މައްޗަށް ދެ މައްސަލައެއްގައި ދައުވާވެސް އުފުލާފައިވެ އެވެ. އެއީ މަޖީދީ މަގުގައި ހުންނަ ޑައިނމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު މައްސަލައަކާއި، މަފާޒު ދޫކޮށްލާފައި ހުއްޓައި މިއަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު ފުލުހަކަށް ހަމަލާ ދިން މައްސަލަ އެކެވެ. މީގެއިތުރުން ޖަލު ބަލަހައްޓާ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައެއްވެސް އޭނާގެ މައްޗަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސާބިތުވެފައިވެ އެވެ.

މަފާޒު އަލުން ބަންދުކުރަން އަމުރު ނެރުމުގައި ހައިކޯޓުގެ ފަނޑިޔާރުން މިކަންކަމަށް ރިއާޔަތް ކުރެއްވި އެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު އަހްމަދު ޝަކީލް އެވެ.

ނަދީމް މަރާލި މައްސަލާގައި މަފާޒް ހައްޔަރުކުރީ 2017 ވަނަ އަހަރު ގ. ޖެލީފިޝްގެ ތެރެއިންނެވެ. އަދި އެ ގެއިން ބައެއް ތަކެތިވެސް ފުލުހުންގެ ފޮރެންސިކް ޓީމުން ގެންދިޔަ އެވެ.