ހައިކޯޓް

މެންބަރު ޒަރީރަށް ހަމަލާދިން މީހުން ދޫކުރީ ގާނޫނާ ހިލާފަށް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހީމް އަބްދުﷲ (ގައްބަރޭ) މިނިވަންކުރަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާ ދިނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ. ހަމަލާއާއި ގުޅިގެން ފުލުހުންގެ އިދާރާ އިން ގައްބަރޭ ހޯދަން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިއުލާންކުރުމާ ގުޅިގެން އޭނާ ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.

ޒަރީރަށް ހަމަލާދިނުމާ ގުޅިގެން ގައްބަރޭގެ އިތުރުން އެހެން ދެމީހަކު ވެސް ހައްޔަރުކޮށްފައިވެ އެެވެ.

ގައްބަރޭގެ އިތުރުން ހައްޔަރުކުރި އަނެއް ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ އެމީހުންނަށް ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

ގައްބަރޭ ދޫކޮށްލި ކަމަށް މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ޖުލައި ނުވަވަނަ ދުވަހު އެވެ.

ހައި ކޯޓުން މައްސަލަަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަދި ފަނޑިޔާރު ހަސަން ޝަފީއު ނިންމެވި މައްސަލައިގައި ބުނެފައިވަނީ ގައްބަރޭ އާއި އަނެއް ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މި މީހުން ބަންދުކުރުމަށް ހުށަހަޅައިފިނަމަ އެކަމުގައި އަލުން ގޮތެއް ނިންމަން ހައިކޯޓުން އަމުރުކޮށްފައިވެ އެވެ.

މެންބަރު ޒަރީރު ފުލުހުންނަށް ކުރިން ދިން ބަޔާން އޭނާ ފަހުން ވަނީ ބަދަލުކޮށްފަ އެވެ. ފަހުގެ ބަޔާނުގައި ޒަރީރު ބުނެފައިވަނީ އޭނާއަށް ހަމަލާދިނީ ގައްބަރޭ ކަން ޔަގީންނުވާ ކަމަށެވެ.