ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ދެވަނަ ފަހަރަށް ވޯޓަށް އެހުމުންވެސް ރައީސް ސޯލިހަށް ތާއީދުކުރަން ޖޭޕީގެ ކައުންސިލުން ދެކޮޅު ހަދައިފި އެވެ.
ޖޭޕީ އަކީ މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ.
ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ނިކުމެވަޑައިގަތުމަށްޓަކައި އަލުން ކޯލިޝަން އާކުރުމަށް ޖުމްހޫރީ ޕާޓީއަށް ދައުވަތު ދިނުމުން މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސާއި އަދި އެ ކޮންފަރެންސަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގައިވެސް ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރަން ނުފެންނަ ކަމަށް ނިންމާފަ އެވެ، ޖޭޕީން އޭރު ނިންމީ އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ.
ޖޭޕީގެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ. އެހެންވެ ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ގާސިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް އަދި މިހާތަނަށް ގާސިމް ކެމްޕޭނަށް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.
ޖޭޕީން މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކަށް ވެސް ގާސިމް އާންމުކޮށް ފޮނުއްވަނީ ވީޑިއޯ މެސެޖުތަކެކެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ގާސިމްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ޖޭޕީން މިހާރު ވަނީ ފަށާފަ އެވެ.
ގާސިމް އަމަލީގޮތުން ކެމްޕޭން ފައްޓަވާފައި ނުވާތީ ބައެއް މީހުން ގާސިމާ ދޭތެރޭ ޝައްކުގެ ނަޒަރަކުން ބަލަމުން ދަނިކޮށް ގާސިމް މިއަދު ވަނީ ޖޭޕީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އިން ރައީސް ސޯލިހަށް ތާއީދުކުރުމާ މެދު ކައުންސިލް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތުގެ ލަފައަކަށް އައްސަވާފަ އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ބައެއް ކައުންސިލް މެންބަރުން ވިދާޅުވީ ރައީސް ސޯލިހަށް ތާއީދުކުރަން ކައުންސިލުން ކުރިންވެސް ދެކޮޅު ހެދި ގޮތަށް މިއަދުވެސް ކައުންސިލްގެ އިއްތިފާގުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ރައީސް ސޯލިހް މިއަދު ވަނީ މާދަމާގެ ވަގުތެއްގައި އެމަނިކުފާނުގެ ރަނިންމޭޓް ކަނޑައެޅުއްވުމަށްފަހު އަންނަ ހުކުރު ދުވަހު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.