ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕީޕީއެމްގެ ވެރިކަމެއްގައި ހަމަޖެހުމެއް ނޯންނާނެ: ރައީސް

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- ޕީޕީއެމް އިން ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ގައުމުގެ ހަމަޖެހުން ގެއްލި އެބޭފުޅަކު ކުރައްވާނީ އަނިޔާވެރި ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވާހަކަދެއްކެވީ ނިމިދިޔަ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވިއިރު ކުރެއްވި ބައެއް ކަންކަން ހިއްސާކުރެއްވުމަށްފަހު އެވެ.

"ޓެސްޓު ކުރެވިފައި މިއޮތީ މިސަރުކާރާއި ކުރީގެ ސަރުކާރު. ޕީޕީއެމް އިން ކޮންމެ މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވި ނަމަވެސް ތަންފީޒުކުރާނީ ޕީޕީއެމްގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ނުލައި ސިޔާސީ މީހަކު ނެތް ކަމަށެވެ. އަދި ނޫސްވެރިޔަކު ނޫހުގައި ޖެހި ހަބަރަކުން ޖަލަށްލާފައިވެސް އެބަހުރި ކަމަށެވެ. އެކަމާ ގުޅިގެން ސިޔާސީ ހަމަޖެހުން ގެއްލި އެތައް ބަޔަކު ބިރުވެރިކަމެއްގައި ތިބި ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެތައް މަޝްރޫއެއް ބާރަށް ކުރިއަށްދަނީ މިއަދު ރާއްޖޭގައި އޮތް ހަމަޖެހުމުގެ ސަބަބުން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހދ. އަތޮޅުގައި ހިންގާފައިވަނީ އެންމެ 79 މަޝްރޫއު ކަމަށާއި މިވެރިކަމުގައި 235 މަޝްރޫއު ހދ. އަތޮޅުގައި ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރު ޖޫންގެ ނިޔަލަށް 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހދ. އަތޮޅަށް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވީ އަތޮޅު ތެރޭގެ ރަށްތައް ތަރައްގީކުރުމުގެ ބަދަލުގައި މާލެ ސަރަހައްދަށް މީހުން ޖަމާކޮށް މާލެ ސަރަހައްދުގައި ހުރިހާ ކަމެއް ކުރުމުގެ ސިޔާސަތެއް ކަމަށެވެ.

"މިކަމާ ގުޅިގެން މުޅި މިރާއްޖޭގެ ސިފަ ގެއްލިގެން ދިޔައީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ހަނިމާދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަންވެސް ރައީސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން ހަނިމާދޫގައި ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސް އަޅައިދީ، 100 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަސް ވިދާޅުވި އެވެ. އަދި ހަނިމާދޫގައި މިހާރު މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަޝްރޫއުގައި މިވަގުތު ހިމެނިފައި ނެތް މަގުތައް ހަދައިދޭނެ ކަމަށާއި ޓާފް އަޅާފައި އޮތް ފުޓްބޯޅަ ދަނޑު ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް ރޮސްޓޮމް އާއި ސިނޑިބަރިއާއި ޗޭންޖު ރޫމު ހިމެނޭ ހެން ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.