ދުނިޔެ

ބައިޑަންއަށް ދެވަނަ ދައުރު ފަސޭހައެއް ނުވާނެ، ގޮންޖެހުމަކަށް ވާނީ ޓްރަމްޕް: އޮބާމާ

އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވާދަކުރައްވާނެ އެވެ. އޭނާ ވަނީ މިކަމަށް ބޭނުންވާ ލިޔުންތަކުގައި ސިއްކަޖައްސަވައި އިއުލާންކުރައްވާފަ އެވެ.

ޖޯ ބައިޑަން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު -- އެމެރިކާގެ މަސްރަހު މިހާރު އޮތް ގޮތުން -- ގަދަބެލުކަށް ވަޑައިގަންނަވަން ޖެހިދާނެ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި، އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާ ވެސް ވަނީ ބައިޑަން ސަމާލުވެވަޑައިގަތުމަށް ވިދާޅުވެ އިންޒާރުދެއްވާފަ އެވެ.

އޮބާމާ ދެކެވަޑައިގަންނަވާ ގޮތުގައި ބައިޑަންއަށް އޮތް އެންމެ ބޮޑު ތުރާލަކަށް ވާނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވެސް ވަނީ 2024 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

އެމެރިކާގައި 2024 ގައި އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 5، 2024 ގައެވެ.

ބައިޑަން އާއި އޮބާމާ އެކުގައި ބޭއްވި ފަރީއްކޮޅެއްގައި މި ދެ ލީޑަރުން ވަނީ ކުރިއަށް އޮތް އިންތިޚާބާ ބެހޭ ގޮތުން ސައްލާކުރައްވާފަ އެވެ. އޮބާމާއާ ހަވާލާދީ ނޫސްތައް ބުނާ ގޮތުން ބައިޑަންއަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަކީ އޮބާމާގެ ވައުދެކެވެ.

އޮބާމާ ވިދާޅުވި ގޮތުގައި ޑޮނަލް ޓްރަމްޕް އަކީ އޭނާގެ ޕާޓީ -- ރިޕަބްލިކަނުންގެ ތެރޭގައި މަގުބޫލު ލީޑަރެކެވެ. އޭނާ އަކީ އެމެރިކާގެ މީޑިއާގައި ވަރަށް ނުފޫގަދަ ލީޑަރެއް ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

އެމެރިކާގައި މިހާރު އޮތީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ބައިޑަންގެ އަރިހުގައި އޮބާވާ ވިދާޅުވި އެވެ. އަދި އިދިކޮޅުން ދައްކާ ވާހަކަތައް އާންމުން މާބޮޑަށް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް އަކީ އޮބާމާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސްޓައިލަށް ވަަރަށް މޮޅަށް ކުޅުއްވާ ބޭފުޅެކެވެ. އޭނާގެ ބަސްމަގު ހުންނަނީ -- ގިނަ ފަހަރު އެއީ ތެދަކަށް ނުވި ނަމަވެސް -- އާންމުންނަށް ގަބޫލުކުރަން ފަސޭހަ ގޮތަކަށް ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

ބަރަކް އޮބާމާ އާއި ޖޯ ބައިޑަން އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އޮބާމާގެ ރައީސްކަމުގައި -- 2009 އިން 2017 އަށް، ދެ ދައުރުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވީވެސް ޖޯ ބައިޑަން އެވެ.

ބައިޑަން އާއި އޮބާމާ އަކީ އެކުގައި ފަރީއްކުޅުއްވައި، އައިސްކްރީމް އަދި ކޮފީ ބައްލަވާ ދެ ބޭފުޅުންނެވެ. ޖޯ ބައިޑަން ރައީސްކަމުގައި މިހާރު ހިނގައިދާ ދުވަސްތަކުގައި އޮބާމާ އަކީ ބައިޑަންގެ ހާއްސަ ސަފީރެކެވެ.