ދުނިޔެ

ބައިޑަންއަށް އިންތިހާބު ކާމިޔާބުވާނެ ކަމަކަށް ނުބެލެވޭ: އޮބާމާ

މި އަހަރު ނޮވެމްބަރުގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބު، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ ކުރީގެ ރައިސް ބާރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ބާރަކް އޮބާމާގެ ވެރިކަމުގެ ދެ ދައުރުގައި ނައިބް ރައީސްގެ މަގާމުގައި ހުންނެވީ ބައިޑަން އެވެ. އޮބާމާއާއި ބައިޑަން އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. މިހެން ކަން އޮތް ނަމަވެސް ބައިޑަންއަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފާނެ ކަމާ މެދު އޮބަމާ މިވަނީ ޝައްކު އުފައްދަވާފަ އެވެ.

އޮބަމާ މިހެން ވިދާޅުވި ސަބަބަކީ ރިޔާސީ ވާދަވެރިން -- ޑޮނަލްޑް ޓްރަމްޕްއާ ޖޯ ބައިޑަންއާ ދެމެދު މިދާކަށް ދުވަހު އޮތް ރިޔާސީ ބަހުސްގައި ބައިޑަންއަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބިވަޑައި ނުގަތުމެވެ.

ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ލޮނު ހެޔޮވަރު ޖަވާބެއް ދެއްވަން އެނގިވަޑައި ނުގެން ބައިޑަންގެ ދޫއޮޅި ވަނީ ބަސް ހުއްޓިފަ އެވެ.

މި ބަހުސަށްފަހު ބައިޑަންގެ އަމިއްލަ ޕާޓީގެ ތެރޭގައިވެސް އޭނާއަށް އޮތް ތަރުހީބު ވަނީ ގެއްލިފަ އެވެ. އަދި އެހެން ކެންޑިޑޭޓަކު ނެރުމަށް ޑިމޮކްރެޓް މެމްބަރުން ދަނީ ޕާޓީގެ ޒައާމަތަށް ޕްރެޝަރު ކުރަމުންނެވެ.

ޖޯ ބައިޑަންއާ މެދު އުއްމީދެއް ނެތް ކަމަށް ބާރަކް އޮބާމާ ވިދާޅުވި ނަމަވެސް އޭނާ މި ވާހަކަ ދައްކަވަނީ ވަރަށް ސިއްރުން، ޕާޓީގެ އެކުވެރިންގެ މެދުގަ އެވެ. ބައިޑަންއާ މެދު އޮބާމާގެ ޝަކުވާތަކެއް ހުރި ނަމަވެސް ތާއީދު ދޫކޮށެއް ނުލައްވަ އެވެ.

ބައިޑަންއަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވައި، ޑިމޮކްރެޓިކް ސަރުކާރު ދެމެހެއްޓުމަށް ތިބ އެންމެ ވަރުގަދަ ބާރުތަކުގެ ތެރޭގައި އޮބާމާ ވެސް ހިމެނެ އެވެ. މިހެން ކަން އޮތް ނަމަވެސް ޑިމޮކްރެޓިކް ޕާޓީގައި ތިބި ނުފޫޒު ގަދަ އެތައް ބަޔަކު މިހާރު ބޭނުންވަނީ ބައިޑަން ނޫން ކެންޑިޑޭޓެކެވެ.

ރިޔާސީ ބަހުސުން ބަލިވެވަޑައިގަތުމާ ދިމާކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ބައިޑަން ވިދާޅުވީ އޭނާ އަކީ ގައުމު ދެކެ ލޯބިވާ ލީޑަރެއް ކަމަށެވެ. އެކަމު އޭނާގެ ވާދަވެރިޔާ -- ޑޮނަލްޑް ޓްރަމްޕަކީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ދެވަނަ ދައުރުގައިވެެސް ދެމިހުންނަވާނީ ތެދުވެރިއެއްގެ ގޮތުގަ އެވެ. ބައިބައިވުން އުފައްދަވައި، މުއައްސަސާތަކަށް ބިރު ނުދައްކަވާނެ ކަމަށްވެސް ވިދާޅުވި އެވެ.