މުހައްމަދު ނާޒިމް

ނާޒިމުގެ ރަނިން މޭޓް ހޮނިހިރު ދުވަހުގެ ރޭ އިއުލާނުކުރަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ރަނިން މޭޓް އިއުލާންކުރުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޕީން ބުނި ގޮތުގައި މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގަ އެވެ.

ރިޔާސީ އިންތިހާބަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް ރަސްމީކޮށް ހަވާލުކުރީ މޭ މަހު އެވެ.

ނާޒިމުގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަން ހިމެނޭ "އުޖާލާ އަމާން" މެނިފެސްޓޯ ހާމަކޮށްފައިވާއިރު މެނިފެސްޓޯ ބަހާލާފައިވަނީ މައިގަނޑޫ ނުވަ ކަމެއްގެ މައްޗަށެވެ.

މެނިފެސްޓޯގައި ހިމެނޭ ފާހަގަކޮށްލެވޭ ކަންކަމުގައި ތެރޭގައި ސިޔާސީ ބޭފުޅުންގެ ނުފޫޒުން ޖޭއެސްސީ މިނިވަންކޮށް އަދުލު އިންސާފުގެ ދާއިރާގެ ނަޒާހަތްތެރިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުން ބޭނުންވާނަމަ ރިކޯލް ވޯޓެއް ނަގައި މަޖިލިސް މެންބަރުން ވަކިކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ 30 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ހުއްޓާލުމާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ގޯތީގެ ރަޖިސްޓަރީއާ އެކު ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސައިދިނުމާއި، އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުމާއި، ސަލާން ޖަހައިގެން ބޭސް ފަރުވާ ހޯދުން ނިމުމަކަށް ގެނައުމަށްޓަކައި މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކުރުމާއި، ދިރިއުޅޭ ގެތަކުގައި އުފެދޭ ކުނި ހިލޭ އުކާލަ ދިނުމާއި، ގޭންގުތަކާ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ މީހުންގެ އަމަލުތައް ހުއްޓުވުމަށް އެކަމާ ގުޅޭ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް ސިޔާސަތެއްގެ ތެރެއިން މަސައްކަތް ކުރުންވެސް ހިމެނެ އެވެ.