ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.
އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ތިންވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެނދިޔުމުން އެ މައްސަލަ ބެއްލެވީ ގާޒީ އަލީ ނަދީމް އެވެ. ގާޒީ ނިންމެވީ ފުލުހުންގެ އެދުމާ އެއްގޮތަށް ޝަރުތުކޮށްފައި އޭނާ ދޫކޮށްލުމަށެވެ.
އޭނާ ދޫކޮށްލީ ވެހިކަލް ނުދުއްވުމަށާއި ފުލުހުން އަންގާ ގަޑިއެއްގައި ތަހުގީގަށް ހާޒިރުވުމަށް ޝަރުތު ކުރުމަށްފަހު އެވެ. އަދި މީގެ އިތުރުން މާލެއިން ބޭރަށް ދަތުރުކުރާނަމަ ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ނުދިއުމަށްވެސް ޝަރުތު ކުރި އެވެ. މި ޝަރުތުތަކަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.
މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް މިދިޔަ މަހުގެ 19 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ދީފަ އެވެ. އެ 15 ދުވަސް ހަމަވީ އިއްޔެ އެވެ.
މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ދެ ސާޖަރީއެއް ހަދައި މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.