މަސްދޯނި ފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމުކުރަން ބޭނުންވާ ފައިސާ ސީދާ އުޅަނދުގެ ވެރިފަރާތާ ހަވާލު ކުރުމަށް ފިޝަރީސް މިނިސްޓްރީން ނިންމައިފި އެވެ.
ކުރިން އޮންނަ ގޮތަކީ މަސްދޯނި ތަކުގައި ފެންފިނި ކުރާ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ފައިސާ، އެ ސިސްޓަމް ހަރުކޮށްދޭ ކުންފުންޏަށް ދޫކުރުމުގެ އުސޫލެކެވެ. ނަމަވެސް މިހާރު މިވަނީ އެ އުސޫލު ބަދަލުކޮށް ސީދާ އުޅަނދުގެ ވެރިފަރާތަށް ލޯނު ފައިސާ ލިބޭ ގޮތް ހަދައިދީފަ އެވެ.
އަމިއްލައަށް ފެންފިނި ކުރާ ނިޒާމު ގެނެސް ދޯނީގައި ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި ފެންފިނި ކުރާ ނިޒާމު ގަނެ ސަޕްލައިކޮށް އުޅަނދުގައި ހަރަދުކުރުމަށް ބޭނުންވާ ހުރިހާ ހަރަދަކަށް އެ ލޯނު ފައިސާ އިން ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ލޯނަށް އެދެނީ ފިޝަރީޒް މިނިސްޓްރީން ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ ދޯނި ފަހަރަށް އާންމުކޮށް ހުޅުވާލާފައިވާ "ކަނޑުފަޅު ނަފާ ޕްރޮގްރާމް"ގެ ދަށުންނެވެ. މި ޕްރޮގުރާމަކީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 20ގައި ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ލޯނުގެ ގޮތުގައި އެންމެ މަތިން ދޫކުރާ އަދަދަކީ ފަސްލައްކަ ރުފިޔާ އެވެ. ހަ ޕަސަންޓް އިންޓްރަސްޓާއެކު ހަ އަހަރު ތެރޭގައި އަނބުރާ ދައްކާ ގޮތަށް ދޫކުރާ މި ލޯނަށް އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.
މި ލޯނު ދޫކުރަނީ މަސްވެރިކަން ފަހި މޫސުމުގައި މަސްދޯނިފަހަރަށް ބޭނުންވާ އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ.