ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެދެނީ ޕީޕީއެމްއިން ޑިމޮކްރެޓްސްއާ ގުޅެން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ބައިވެރި ނުވެވޭނަމަ އެންމެ ރަނަގަޅު ގޮތަކީ އިދިކޮޅު ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ޕީޕީއެމްއިން ދަ ޑިމޮކްރެޓްސްއާ ގުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދު ހޯއްދެވުމަށް ތ. ގުރައިދޫއަށް ވަޑައިގެން ރައިސް ނަޝީދު ވަނީ ޕީއެންސީގެ ކެންޑިޑޭޓެއް މި އިންތިހާބުގައި ވާދަކުރާނެކަން އެމަނިކުފާނަށް ކުރިންވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕީޕީއެމްއިން ދަ ޑިމޮކްރެޓްސްއާއި ގުޅޭނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިހިނގަމުންދާ ވެރިކަން އަޅުގަނޑުމެނަނަށް ނިންމެން އޮތީ އަޅުގަނޑުމެންނާ ތިޔަ ބޭފުޅުންނާ [ޕީޕީއެމްއާ] ގުޅިގެން ކަމީ އަޅުގަނޑު ހިތުން އެއްވެސް ބޭފުޅަކަށް އޮޅިފައި އޮތް ހަގީގަތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކުރުމާ ގުޅިގެން އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އަދި މާދަމާ މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ޕީޕީއެމްއިން ޑިމޮކްރެޓްސްއާ ގުޅެން ރައީސް ނަޝީދު ކުރިންވެސް ޕީޕީއެމް އަށް ދައުވަތު ދީފައިވެ އެވެ. ނަމަވެސް ޕީޕީއެމް އިން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ.